ޓައިޕޭ (ފްބްރުއަރީ 6): ޓައިވާނުގެ ދެކުނުގައި އޮންނަ ޓައިނާން ސިޓީއަށް މިއަދު އައި 6.4 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން ފަސް މީހަކު މަރުވެއްޖެ އެވެ.

ޓައިވާން ނޫހުގައިވާ ގޮތުން ބިންހެލުމުގެ ސަބަބުން ވެއްޓުނު 17 ފަންގިފިލާގެ އިމާރާތެއް ދަށުން ސަލާމަތީ ފަރާތްތަކުން މިހާރު ވަނީ 127 މީހަކު ސަލާމަތްކޮށްފަ އެވެ. އޭގެ ތެރެއިން 29 މީހަކަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ޓައިވާނުގެ އެމާޖެންސީ ސާވިސަސް އިން ލަފާކުރާ ގޮތުގައި ބިން ހެލުމުގެ ސަބަބުން އަށް އިމާރާތެއް ވެއްޓިފައިވެ އެވެ. އަދި އެ އީމާރާތްތަކުގެ ދަށުގައި 32 މީހަކު ތާށިވެފައިވާ ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެ އެވެ.

ޓައިވާނުގެ މޫސުމާއި ބިންހެލުން މޮނިޓާ ކުރާ އިދާރާ އިން ބުނި ގޮތުގައި ބިން ހެލުން އައީ ޓައިޕޭއާ 300 ކިލޯމީޓަރު ދުރުން 16.7 ކިލޯމީޓަރު އަޑިންނެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ބިންހެލުން އައިސްފައި ވަނީ ބިމުގެ އެހާ އަޑިން ނޫން ކަމުން އޭގެ ގެއްލުންތައް ބޮޑުވާނެ ކަމަށެވެ.

ޓައިވާނުގެ ވެރިރަށް ޓައިޕޭއަށް ވެސް ބިން ހެލުމުގެ އަސަރުކޮށްފައިވެ އެވެ.

ނަވާރަސަތޭކަނުވަދިހަނުވަ ވަނަ އަހަރު ޓައިވާނަށް އައި 7.6 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން 2،300 މީހަކު މަރުވި އެވެ. (އައިއޭއެންއެސް)