06 Feb 2016, 09:26
ދުނިޔޭގެ ނިސްބަތުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 14 މިލިއަން މީހުން ކެންސަރު ބަލީގެ ޝިކާރައަކަށްވެ އެވެ. އަދި އޭގެ ތެރެއިން އަށް މިލިއަން މީހުން އެބަލީގައި މަރުވެ އެވެ.
ދުނިޔޭގައި އާއްމުކޮށް ޖެހޭ ކެންސަރު ބާވަތަކީ ފުއްޕާމޭގެ ކެންސަރެވެ. ފުއްޕާ މޭގެ ކެންސަރުގެ 90 ޕަސެންޓަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ކެންސަރު ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެހެންކަމުން މުޖުތަމައުގައި އަށަގެންފައިވާ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ވަބާ މުޅިންހެން ނައްތާލުން މުހިއްމެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން "ކުއްލިއަކަށް" ހުއްޓާލާކަށް ފަސޭހައެއް ވެސް ނުވާނެ އެވެ. ސަބަބަކީ ދުންފަތް ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުންނަ ތަފާތު ބާވަތްތަކުގައި އުފެއްދުންތަކުގައި އެޑިކްޓުވާ މާއްދާތައް ހިމަނާފައި ވާތީ އެވެ. "ނިކޮޓިން" އަކީ އެފަދަ އެއް މާއްދާ އެވެ.
އެހެންކަމުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުން އެކަމާ ދުރުވާން އަޒުމެއް ކަނޑައަޅާށެެވެ. އެ އަޒުމާ އެކު އެކަން ހުއްޓާލާނެ ތާރީހެއް ވެސް ކަނޑައަޅާށެވެ. އަދި އެ ތާރީހު އަންނަން ވާއިރަށް ދުންފަތާ މުޅިންހެން ދުރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާށެވެ.
އެގޮތުން ތިބާ ދުންފަތާ ދުރުހެލިވާން ބޭނުންވާ ސަބަބުތައް ފޮތެއްގައި ނަމަވެސް ނޯޓު ކުރާށެވެ. އަދި ގޭގައި އުޅޭ އުޅުމުގެ ތެރެއިން އަބަދު ވެސް އެ ނޯޓު ކުރި ސަބަބުތައް ފެންނަހެން ބަހައްޓާށެެވެ. ނުވަތަ ކޮންމެ ދުވަހަކު އެއްފަހަރު ނަމަވެސް އެ ސަބަބުތައް ކިޔާށެވެ.
ހަމައެހެންމެ، ދުންފަތާ ދުރުހެލިވުމަށް އާއިލާ މެމްބަރުންނާއި ގާތް ރައްޓެހިންގެ ފަރާތުން ހިތްވަރު ހޯދާށެވެ. އަބަދުވެސް "ޕޮޒިޓިވް" ވިސްނުމެއް ގެންގުޅޭށެވެ. އަދި އަޅުކަންތައްތަކުގައި ވެސް ގިނައިން މަޝްއޫލު ވެ އުޅޭށެވެ.
ދުންފަތާ ދުރުހެލިވާން މަސައްކަތް ކުރާ އިރު، ވީހާވެސް ގިނައިން ފެން ބޯން އާދަ ކުރާށެވެ. އަދި ގަވާއިދުން ކަސްރަތު ކުރާށެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ ހިތްވާ ކޮންމެ ވަގުތަކު ފުންކޮށް ނޭވާއެެއް ލާށެވެ. އަދި ތިބާއަށް ކަމުދާ ވައްތަރެއްގެ މެޓައެއް ނުވަތަ މިންޓެއް ނަމަވެސް ކާލާށެވެ. އަދި އެހެން މަސައްކަތަކާ މަޝްއޫލުވެ އުޅެވޭތޯ ބަލާާށެވެ.
ދުންފަތާ ދުރުހެލިވާން މަސައްކަތްކުރާ ދުވަސްކޮޅު، ތިބާ އަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. އެގޮތުން ބޮލުގައި ރިއްސުމާއި، ކެއްސުން، ނިދިން މަހުރޫމްވުން، ބިރުގަތުމާއި ދެރަވުން ނުވަތަ ބަރުދަން އިތުރު ވުމަކީ ވެސް ދުންފަތާ ދުރުވާން މަސައްކަތް ކުރާއިރު ކުރިމަތިވެދާނެ މައްސަލަތަކެކެވެ. އެހެންނަމަވެސް ބިރު ނުގަންނާށެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައިގެން މިހާތަނަށް އެކަކު ވެސް މަރުވެފައި ނުވެ އެވެ. އެހެންކަމުން އެ މައްސަލަތަކަށް ފަރުވާއެއް ހޯދުމަށް ޑޮކްޓަރަކާ މަޝްވަރާ ކުރާށެވެ.
ތިބާ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ކަނޑައެޅި ދުވަސް ޖެހުމުން، ގެއާއި ކާރު ނުވަތަ ސައިކަލުގައި ވެސް ހުރި ހުރިހާ ސިގިރޭޓެއް ނުވަތަ ދުންފަތުގެ އުފެއްދުންތައް އުކާލާށެެވެ. އަދި އެދުވަހަށް ފަހު ވީހާ ވެސް ބޮޑަކަށް ކެފެއިންއާ ދުރުގައި އުޅެވޭތޯ ނުވަތަ ކެފެއިން ހުންނަ އުފެއްދުންތައް ބޭނުން ނުކޮށް ވޭތޯ ބަލާށެވެ.
ސިގިރޭޓެއް ބޯ ހިތްވިޔަސް ތިން މިނެޓު ވަންދެން މަޑުކޮށްލާށެވެ. ސަބަބަކީ ތިން މިނެޓު ވުމުން ސިގިރޭޓެއް ބުއިމަށް ޖެހުނު "ހިތް" ފިލައިގެން ދާނެތީ އެވެ. ކަސްރަތާއި އަޅުކަމުގައި ގިނައިން އުޅޭށެވެ. ގިނައިން ފެން ބޮއެ، ސިއްހަތަށް ފައިދާ ހުރި ކާނާ ވެސް ކާށެވެ.