އިރުމަތީ އެފްރިކާގެ ގައުމެއް ކަމުގައިވާ ޔުގަންޑާގެ އިންޖިނިއަރުންތަކެއްގެ މަސައްކަތުން، އިރުގެ ހަކަތަ ބޭނުންކޮށްގެން ދުއްވާ ބަހެއް އުފައްދައިފި އެވެ. "ކަޔޫލާ"ގެ ނަމުން ނަން ދީފައިވާ މި ބަހަކީ، 35 މީހުންގެ ޖާގައިގެ ބަހެކެވެ. މި ބަހުގެ ފުރާޅުގައި ދެ ޕަވަރ ބޭންކެއް ރައްކާ ކުރެވިފައި އޮންނަ އިރު، ދެ ޕަވާ ބޭންކު ވެސް އިރުގެ ހަކަތައިން ޗާޖު ކުރެވޭނެ އެވެ. ކަޔޫލާ ބަހަކީ ގަޑިއަކު 80 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެއް ވެސް މެ އެވެ. ކީރާ މޮޓޯރސް ކޯޕަރޭޝަން(ކޭއެމްސީ)އިން ބުނި ގޮތުގައި، މި ބަހަކީ ހަމައެކަނި ކަރަންޓުގެ އެހީގައި ދުވާ ބަހެކެވެ. ޕެޓްރޯލާއި ގޭސް އެންދުމުގެ އެއްވެސް މަސައްކަތެއް މި ބަހުން ނުކުރާނެ އެވެ. ކޭއެމްސީއިން މިހާރު ބަލަމުން ދަނީ، މި ބަހަށް ބޮޑު މަގުބޫލުކަމެއް އޮތް މާކެޓެއް ހޯދޭތޯ އެވެ. އެ ކުންފުނިން ނިންމާފައި ވަނީ 2018 ވަނަ އަހަރު އަންނަން ވާ އިރަށް، ގިނަ އަދަދެއްގެ ކަޔޫލާ ބަސް އުފެއްދުމަށެވެ. މީގެ ބަހެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 58،000 އެމެރިކާ ޑޮލަރަށެވެ.