06 Feb 2016, 09:59
ބޮލީވުޑްގައި އަރަމުން އަންނަ ތަރި ރަންދީޕު ހޫދާ ވަނީ މިހާތަނަށް އައިއިރު ތަފާތު ފިލްމުތަކުގައި ތަފާތު ރޯލުތައް ކުޅެފަ އެވެ. އެގޮތުން އޭނާގެ އެންމެ އަވަހަށް ރިލީޒު ކުރުމަށް ހަމަޖެހިފައިވާ "ސަރްބްޖިތު"ގައި ވެސް އޭނާ ތަފާތު ރޯލަކުން ފެނިގެން ދާނެ ކަމަށް ބެލެވެ އެވެ.
ރަންދީޕު ވަނީ އެ ފިލްމުގައި އޭނާގެ ކެރެކްޓާ ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. ރަންދީޕު އާއްމު ކުރި އެ ފޮޓޯގައި އޭނާ ފެނިގެންދަނީ ވަރަށް ހިކި އަދި އަނަރޫފަވެފައިވާ މީހެއްގެ ގޮތުގަ އެވެ. އޭނާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރި އިރު، ބޯ ހޭވި ތުނބުޅި ދިގެވެ. ބޮޑަށް ސިފަވަނީ ގިނަ ދުވަހު ކާން ނުލިބި ފަޅު ރަށެއްގައި އުޅެފައިވާ މީހަކާ އެވެ.
ކޮންމެ އަކަސް އެރޯލު ކުޅުމަށް ރަންދީޕު ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ވަރަށް ބޮޑަށް ލުއިކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ 28 ދުވަސްތެރޭ 18 ކިލޯ ލުއި ކޮށްފަ އެވެ.
އަންނަ މޭއި 19 ވަނަ ދުވަހު ރިލީޒު ކުރަން ހަމަޖެހިފައިވާ އެ ފިލްމުގައި ރަންދީޕުގެ އިތުރުން އައިޝްވަރިޔާ އަދި އަންކުރް ބާޓިއާ ވެސް ފެނިގެން ދާނެ އެވެ.
މައުލޫމާތު: އިންޑިއަން އެކްސްޕްރެސް