05 Feb 2016, 23:27
އއ. ރަސްދޫގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 60 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަން ސާވިސަސް އިން މިއަދު ހައްޔަރުކޮށްފިއެވެ.
އެމީހުން ހައްޔަރުކުރީ އިމިގްރޭޝަނުން ހެނދުނު 6.00 އިން ހަވީރު 5.00 އަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް އެއިދާރާއިން ބުންޏެވެ. ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ޙަސަން ޚަލީލު ވިދާޅުވީ މިއަދު ހައްޔަރުކުރި 60 މީހުންގެ ތެރެއިން ދެމީހުންނަކީ ރާއްޖެއަށް މީހުން ރެކްރޫޓްކުރާ އެޖެންޓުންކަން އިމިގްރޭޝަނަށް އެނގިފައިވާ ކަމަށެވެ.
ރަސްދޫ ރަށުކައުންސިލާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ އެހީތެރިކަން ލިބުނުކަމަށް އިމިގްރޭޝަނުން ބުންޏެވެ. މިއަދު ހައްޔަރުކުރި މީހުންނަކީ ކޮން ގައުމުތަކަކަށް ނިސްބަތްވާ ބައެއްކަން އެއިދާރާއިން އަދި ހާމައެއް ނުކުރެއެވެ.
ސައްހަ ލިޔެކިއުންތައް ނެތި މިސަރަހައްދުގެ ގައުމުތަކުގެ ގިނަ އަދަދެއްގެ މީހުން ރާއްޖޭގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެފަދަ މީހުން ހޯދައި ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހިއުމަން ޓްރެފިކިންގެ އަމަލުތައް ވެސް ބައެއް ފަރާތްތަކުން ރާއްޖޭގައި ހިންގަމުންދާކަން ކުރިން ވަނީ އެނގިފައެވެ.