މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ސޮއި ފޯޖްކޮށްގެން ސައްހަ ނޫން ބޯޑު ރިޒޮލިއުޝަންތައް ހަދާފައިވާ ކަމަށް ބެލެވޭ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެއެވެ.

މިއަދު އާއްމުކުރި އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ބޯޑު ރިޒޮލިއުޝަންގެ ނަމުގައި ސައްހަ ނޫން ތިން ރިޒޮލިއުޝަނެއް ހަދާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެ ތިން ރިޒޮލިއުޝަން ހަދާފައި ވަނީ ބޭރުފައިސާ ގަނެވިއްކުން ކުރިއަށް ގެންދިއުމަށާއި ރަށްތައް ސަބްލީސް ކުރުމުގެ ބާރު މެނޭޖިން ޑިރެކްޓަރަށް ދިނުމަށާއި ބަޑިބޭހުގެ ކުޅިވަރުތައް ބާއްވައިދިނުމުގެ ހިދުމަތް ދިނުމަށް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ބޯޑު ރިޒޮލިއުޝަނާ ހިލާފަށް އެކުންފުނީގެ އެކައުންޓަށް ޖަމާކުރަން ޖެހޭ ފައިސާ އަމިއްލަ ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓް މިއަދު އާއްމުކުރި އިރު އެކުންފުނިން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިޔަން ރުފިޔާ އަމިއްލަ ކުންފުނިތަކާއި ފަރުދުންގެ އެކައުންޓްތަކަށް ޖަމާކޮށް، ވައްކަން ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.