ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރު ހަތް ބްރާންޗު އަތޮޅުތަކުގައި ހުޅުވޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއާ ހަވާލާދީ ބީއެމްއެލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް އަހަރު ތެރޭގައި އަތޮޅުތަކުގައި އެ ބޭންކްގެ ހަތް ބްރާންޗު ހުޅުވުމަށް އުންމީދު ކުރާ ކަމަށެވެ. އަދި މި މަހު ފަހު ކޮޅު ވ. އަތޮޅު ފެލިދޫ އަދި ކ. މާފުށީގައި އެ ބޭންކުގެ ބުރާންޗެއް ހުޅުވާނެ ކަމަށާއި އޭރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ބޭންކްގެ ގޮފިތައް ހުޅުވައި ނިމުނީ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ވ. އަތޮޅު ފިޔަވައި ބީއެމްއެލްގެ 27 ބްރާންޗެއް ރާއްޖޭގެ 19 އަތޮޅެއްގައި ދަނީ އޮޕަރޭޓް ކުރަމުންނެވެ. އަދި ދޯނި ސާވިސް މެދުވެރިކޮށް ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކުން ބޭންކުގެ ހިދުމަތް ފޯރުކޮށްދޭ ކަމަށް ވެސް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކު ތަކުލީފުތަކެއް ކަޑައްތު ކުރުމަށް ފަހު 2014 ވަނަ އަހަރާއި އަދި މިދިޔަ އަހަރު ބޭޑް ޑެޓް ދަށްކޮށް، ރަނގަޅު ފައިދާއެއް ހޯދާފައިވާ ކަމަށެވެ. އަދި ބޭންކުން ބުނީ ރަނގަޅު ފައިދާއެއް ލިބުމާ އެކު ކަސްޓަމާ ސާވިސް އާއި އަދި ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މިދިޔަ އަހަރު 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސެލްފް ސާވިސް ބޭންކިން އަށާއި އިތުރު ބުރާންޗްތަކަށާއި އޭޓީއެމް އަދި ދޯނި ބޭންކިން ފުޅާކުރުމަށް އެ އަދަދު ހަރަދު ކުރި ކަމަށެވެ. އަދި މި އަހަރު ވެސް މަދުވެގެން 150 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެ ކަމަށް ބޭންކުން ބުންޏެވެ.
ބޭންކުން ބުނީ މިދިޔަ އަހަރު ވަނީ، އޭގެ ކުރީ އަހަރަށް ވުރެ ލޯން ދޫކުރި އަދަދު ދެގުނަ އިތުރުކޮށްފައިވާ ކަމަށާއި އަދި މިދިޔަ އަހަރު ދިވެހި ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް 3.4 ބިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާ ކަމަށެވެ.