20 Apr 2011, 18:25
ވޮޝިންޓަން: އިސްލާމީ ދުނިޔެއާމެދު އެމެރިކާ ބަލަމުންގެންދަނީ ޙަޤީޤަތަށް ބެލުމުގެ ބަދަލުގައި ޝައްކާއި ވަހްމުން ފުރިފައިވާ ބިރުވެރިކަމެއްގެ ތެރެއިން ކަމަށް ކަމާބެހޭ ތަޖްރިބާކާރުންގެ ރިޕޯޓެއް ބުނެފިއެވެ.
އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ އޮފީހުގެ ދެ ތަޖްރިބާކާރަކު ތައްޔާރު ކުރެއްވި މިރިޕޯޓް ބުނާގޮތުން އިސްލާމީ ދުނިޔެއާ އަދި މުސްލިމުންނާމެދު އެމެރިކާ މުޢާމަލާތްކުރަނީ އެމެރިކާގެ ޤައުމީ މަސްލަޙަތާ އަދި ބޮޑުބާރެއްގެ ޙައިޘިއްޔަތުން އެމެރިކާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކާއި ޒިންމާތަކަށް ރިޢާޔަތް ކުރުމަށްވުރެ ބޮޑަށް އިސްލާމީ ދުނިޔެއާއި މުސްލިމުންނަކީ އެމެރިކާއަށް ކުރިމަތިވެފައިވާ "ބިރެއްގެ" ގޮތުގައި ބަލައިގެންނެވެ.
މިކަމުގެ ސަބަބުން އެމެރިކާގެ ޤައުމީ މަސްލަޙަތަށް ބޮޑެތި ގެއްލުންތަކެއްލިބި އެމެރިކާއާ ވާދަކުރާ ޗައިނާފަދަ ބާރުތަކަށް މިކަމުގެ ފައިދާ ލިބެމުންދާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މިރިޕޯޓްގައިވާ ގޮތުން ޗައިނާއާއި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުން ޢަރަބި އަދި އިސްލާމީ ދުނިޔޭގެ އިންސާނީ ވަސީލަތްތަކާއި ޤުދްރަތީ ވަސީލަތްތައް ތަރައްޤީ ކުރުމަށް އިސްކަންދީ އެހީތެރިކަން ދެމުންގެންދާއިރު އެމެރިކާ އިސްކަންދެނީ ޢަރަބި އަދި އިސްލާމީ ދުނިޔެއަށް ހަތިޔާރު ވިއްކުމަށާއި ޢަސްކަރީ ދާއިރާ ތަރައްޤީ ކުރުމަށެވެ. އަދި އެމެރިކާއިން މާލީ އަދި ފަންނީ އެހީތެރިކަން ދެމުންގެންދަނީވެސް ޢަރަބި އަދި އިސްލާމީ ދުނިޔޭގެ ލަޝްކަރުތަކަށް ހަތިޔާރު ވިއްކުމަށާއި ސިފައިންނަށް ތަމްރީން ދިނުމަށާއި ސަލާމަތީ އަދި ޖާސޫސީ ދާއިރާތަކަށެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ދާއިރާތަކެއްނޫނެވެ.
ނަތީޖާއަކީ ޗައިނާއާއި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުން އިސްލާމީ އުންމަތުގެ ރައްޔިތުންނާއެކު ދިގުމުއްދަތެއްގެ މައްޗަށް ބިނާވެފައިވާ އިތުބާރުހުރި ހަރުދަނާ ސްޓްރެޓީޖިކް ގުޅުންތަކެއް ޤާއިމް ކުރަމުން ގެންދާއިރު އެމެރިކާ މުސްލިމުންގެ މެދުގައި އެކަހެރިވުމެވެ. އެމެރިކާއަށް އިސްލާމީ ދުނިޔެއާއެކު ޤާއިމް ކުރެވިފައިވަނީ ކުރުމުއްދަތެއްގެ ޢަސްކަރީ އަދި ސިޔާސީ ގުޅުންތަކެކެވެ. މިއީ، ވެރިންނާ އަދި ސިފައިންނާއެކު ބާއްވާ އެކަހެރި ގުޅުންތަކެކެވެ. އެމެރިކާގެ މިގުޅުންތައް އޮންނަނީ އިސްލާމީ ދުނިޔޭގެ ހަމައެކަނި ޢަސްކަރީ ދާއިރާއާއި ސިޔާސީ ދާއިރާގައި ހައްޔަރުވެ ތާށިވެފައެވެ.
މިއާޚިލާފަށް ޗައިނާއާއި ޔޫރަޕްގެ ޤައުމުތަކުން ގުޅުންތައް ތަރައްޤީ ކުރަމުންގެންދަނީ އިސްލާމީ ދުނިޔޭގެ ރައްޔިތުންގެ ކުރިއެރުމާއި އެމީހުންނަށް އާމްދަނީއާއި ވަޒީފާގެ ފުރްސަތުތައް ތަނަވަސްކޮށްދޭ ތަރައްޤީގެ ދާއިރާތަކާއެވެ.
ނަތީޖާއަކީ އިސްލާމީ ރައްޔިތުންނާ އެމެިރކާއާ ގުޅުންތައް ކުޑަވެފައި އިސްލާމީ މުޖްތަމަޢުތަކުގައި އެމެރިކާ އެކަހެރިވެ މުސްލިމުންގެ ހިތްތައް އެމެރިކާއަށް ގެއްލިގެންދިޔުމެވެ. އަދި ޗައިނާއާއި ޔޫރަޕުން މުސްލިމުންގެ ހިތްތައް ފަތަޙަ ކޮށް މުސްލިމް ރައްޔިތުންގެ އިތުބާރު ހޯދުމެވެ.
އަނެއްކޮޅުން ޓެރަރިސްޓުންނަކީ މުސްލިމުންގެ ތެރޭގައި ހިމެނޭ ވަރަށްމަދު ޢަދަދެއްގެ ބައެއް ކަމަށްވިޔަސް ހުރިހާ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ސިފަވާގޮތަށް އެމެރިކާގެ މަސްއޫލުވެރިން ބަޔާންތައް ދެމުންގެންދިއުމަކީވެސް މުސްލިމް ރައްޔިތުންގެ އިތުބާރު އެމެރިކާއަށް ގެއްލި މުސްލިމުންގެ ރުޅިއާއި ނުރުހުމާއި ނަފްރަތު އެމެރިކާއަށް އަމާޒުވާކަމެއް ކަމަށް މިރިޕޯޓް ބުނެއެވެ.
އިރާޤާއި އަފްޣާނިސްތާނާ ދެކޮޅަށް އެމެރިކާ ހަނގުރާމަކޮށް މިދެޤައުމުގެ ގިނަޢަދަދެއްގެ ރައްޔިތުން އެމެރިކާގެ ޙަމަލާތަކުގައި މަރުވުމާއި އަބޫޣުރައިބު ޖަލާއި ގުއަންޓެނާމޯ ޖަލާއި އެމެރިކާގެ ސިއްރު ޖަލުތަކުގައި މުސްލިމުންނާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގާފައިވާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކަކީވެސް އެމެރިކާގެ އިތުބާރު އިސްލާމީ ދުނިޔޭގައާއި މުސްލިމުންގެ މެދުގައި ގެއްލުނު މައިގަނޑު ސަބަބެއް ކަމަށާއި މިމައްސަލަތައް އެމެރިކާގެ ވާދަވެރި ޗައިނާ އަށް ކުރިމަތި ނުވާކަން މިރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
މިރިޕޯޓް، އެމެރިކާގެ ދިފާޢީ ވުޒާރާއިން ރަސްމީ ގޮތެއްގައި އަދި ބަލައިގެންފައެއް ނުވެއެވެ. އެހެންކަމުން މީގައި ހިމެނޭ ޚިޔާލުތަކަކީ މިރިޕޯޓް ތައްޔާރު ކުރެއްވި ބޭފުޅުންގެ އަމިއްލަ ޚިޔާލުތަކެއް ކަމަށް ވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)