06 Feb 2016, 10:07
ޔުކްރެއިންގެ ޝަހުތަރު ޑޮނެސްކް އިން ޗައިނާގެ ޖިއަންސޫ ސުނިން އަށް ވިއްކާލާން ނިންމާފައިވާ ބްރެޒިލްގެ ފޯވާޑް އަލެކްސް ޓަކްސޭރާ ބޭނުންވީ އިނގިރޭސި ޕްރިމިއާ ލީގްގައި ކުޅުމަށް ކަމަށް އޭނާ ބުނެފި އެވެ.
ޝަހުތަރު އޮފިޝަލް ވެބްސައިޓަށް ދިން އިންޓަވިއު އެއްގައި ޓަކްސޭރާ ބުނީ އޭނާ ބޭނުންވެފައި ހުރީ ޕްރިމިއާ ލީގްގެ ކުލަބަކަށް ކުޅުމަށް ކަމަށްވީ ނަމަވެސް ޗައިނާގެ ކުލަބުން އޭނާ ހޯދުމަށް ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ އިރު އޭނާ އަށް ވެސް އެންމެ ފައިދާ ހުރީ އެ ގޮތަށް ކަމަށް ވުމުން ޖިއަންސޫ އަށް ބަދަލުވާން ނިންމީ ކަމަށެވެ.
"ޗައިނާ އިން އަހަރެންނަށް ހުށަހަޅީ ވަރަށް ސީރިއަސް އޮފާ އެއް. އެހެންވެ އަހަރެން އެ ހުށަހެޅުން ބަލައިގަތީ. ބަދަލުވާން ނިއްމުމުގެ ކުރިން އަހަރެންގެ ކައިރީގައި އުޅޭ އެންމެނާ އަދި އާއިލާއާ ވެސް މަސްވަރާކުރިން. އެ ނިންމުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ އަހަރެންގެ އަންހެނުންގެ ފަރާތުން." ޓްކްސޭރާ ބުންޏެވެ.
ޝަހްތަރު އިން ޓަކްސޭރާ ވިއްކާލަން ނިއްމާފައި ވަނީ 50 މިލިއަން ޔޫރޯ އަށެވެ. އެއީ ޗައިނާގެ ކްލަބަކުން ކުޅުންތެރިއެއްގެ ޓްރާންސްފާއަށް މިހާތަނަށް ހޭދަ ކޮށްފައިވާ އެންމެ ބޮޑު އަދަދެވެ. އެ ރިކޯޑް ކުރިން އޮތީ ވޭތުވެ ދިޔަ ހަފްތާގައި އެތުލެޓިކޯ މެޑްރިޑްއިން 40.33 މިލިއަން ޔޫރޯ އަށް ގުއާންގްޒިއޯ އަށްގެންދިޔަ ޖެކްސަން މާޓިނޭޒް އަތުގަ އެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި އޭޝިއާގައި ދެން ހިނގައި ދިޔަ އެންމެ ބޮޑު އެއް ޓްރާންސްފާ އަކީ 32.52 މިލިއަން ޔޫރޯ އަށް ޗެލްސީ އިން ޗައިނާ އަށް ބަދަލުވި ރަމިރޭސްގެ ޓްރާންސަފާ އެވެ. އޭނާ ވެސް ބަދަލުވެފައި ވަނީ ޖިއަންސޫ އަށެވެ.
ޗައިނާގެ ނޫސްތަކުން ރިޕޯޓް ކުރާގޮތުގައި އެ ގައުމުގެ ސްޕާ ލީގްގަށް މި ސީޒަނުގެ ޓްރާންސްފާގައި ކުޅުންތެރިން ގެނައުމަށް 199.5 މިލިއަން ޔޫރޯ ވަނީ ހޭދަކޮށްފަ އެވެ. ޗައިނާގެ ޓްރާންސްފާ ބާޒާރުގެ ދޮރު ބަންދުވެގެން ދާނީ މިމަހުގެ 26 ވަނަދުވަހު އެވެ.