ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެއްވެސް ބީލަމަކާ ނުލައި ރަށް ދޫކުރެވޭނެ އުސޫލެއް މިދިޔަ އަހަރު ހަދާފައިވާ އިރު އެ އުސޫލުގެ ސަބަބުން ރަށްރަށާއި ފަޅުފަޅާއި ބިންތައް މަސްލަހަތަށް ބަލައި ދޫކުރުމުގެ ފުރުސަތު ފަހިވެފައިވާކަން ހާމަވެއްޖެ އެވެ.

އޮޑިޓް އޮފީހުން މިއަދު ނެރެފައިވާ އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ޓޫރިޒަމް ސިނާއަތުގެ ބޭނުމަށް މިދިޔަ އަހަރުން ފެށިގެން ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހަދާފައިވާ އުސޫލުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެއްވެސް ބީލަމަކާ ނުލައި އަދި އެއްވެސް އެކުއިޒިޝަން ކޯސްޓަކާ ނުލައި ތަންތަން ދޫކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެއްވެސް ބީލަމަކާ ނުލައި އަދި އެއްވެސް އެކުއިޒިޝަންޝަން ކޮސްޓަކާ ނުލއި ތަންތަން ދޫކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެގޮތަށް އޮތުމުން އެހަމަތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި ހުޅުވާލެވިފައިވާ ވާދަވެރި ބީލަމަކާ ނުލާ ވަކި ފަރާތްތަކުގެ މަސްލަހަތުތަކަށް އިސްކަންދީގެން ރަށްރަށާއި ފަޅު އަދި ބިންތައް ކުށްޔަށް ދޫކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެ އެވެ.

ތުހުމަތުކުރެވޭ ހިޔާނާތްތަކަކީ ޓޫރިޒަމް ގާނޫނުން ލިބިދީފައިވާ އެލުއި ގާނޫނުގެ ރޫހާ ހިލާފަށް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ނަތީޖާކަމަށް ދެކޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

ހާމަކަން ބޮޑު އަދި ވާދަވެރި ހަމަހަމަ ފުރުސަތުތަކަކާއި ނުލައި ރަށްރަށާއި ފަޅު އަދި ބިންތައް ކުއްޔަށް ދޭނެ ފަރާތްތައް ކަނޑައަޅާފައިވާ އިރު އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން 2014 ގެ މެއިން މިދިޔަ އޮކްޓޫބަރުގެ ނިޔަލަށް 53 ތަނެއް އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށްދީފައިވާ ކަމަށް ވެސް އެމްއެމްޕީއާރުސީގެ އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޓޫރިޒަމް ސިނާއަތުގެ ކަންތައްތަކަށް ޓޫރިޒަމް މިނިސްޓްރީއާއި ހަވާލުކޮށްފައިނުވަނީސް 16 ރަށަކާއި 13 ފަޅެއް އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކޮށް ފައިސާ ނަގާފައިވާ އިރު އިތުރު ހަތަރުތަނެއް ކުއްޔަށް ދިނުމަށް ނިންމައި އެކިއެކި ފަރާތްތަކަށް ސިޓީ ފޮނުވާފައިވާކަން ވެސް އެއޮޑިޓް ރިޕޯޓުން ވަނީ ފާހަގަވެފަ އެވެ.