ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީން އިސްނަގައިގެން މިއަދު ހަވީރު ކުރިއަށް ގެންދިޔަ އެއްވުމުގެ ބައިވެރިންތަކެއް ސިފައިންގެ ސަފު ފޫއަޅުވާލައި ސަލާމަތީ ބާރުގެ މައި މަރުކަޒު ހިމެނޭ ސަރަހައްދު (ގްރީން ޒޯން)އަށް ވަދެ، ރައީސުލްޖުމްހުރިއްޔާގެ އޮފީސް ކުރިމަތީގައި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލައިފި އެވެ.

މާލޭގެ މަގުތަކުގައި މިއަދު މުޒާހަރާ ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް، "ކޮރަޕްޝަން ޔަގީން"ނަމުގައި އާޓްފިޝަލް ބީޗުން ފެށި އެއްވުމުގެ ބައިވެރިން ވަނީ މަގުތަކަށް ނުކުމެ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.

މަޖީދީމަގުން ހުޅަނގަށް އެއްވުމުގެ ބައިވެރިން ކުރިއަށްދާން އުޅުމުން މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭ ގޮތަށް ރަޔަޓް ފުލުހުން ޝިލްޑާ އެކު ހުރަސް އެޅުމުން، ހަނި ގޯޅިތަކުން އެއްވުމުގެ ބައިވެރިންތަކެއް ވަނީ މާލޭގެ މަގުތަކަށް ނުކުތެވެ. މުޒާހަރާގެ ތެރެއިން ބައިވެރިންތަކެއް މާލޭގެ މަގުތަކަށް ނުކުތް އެއްވުން ލީޑު ކުރެއްވީ ގަލޮޅު ދެކޮނު ދާއިރާގެ މެމްބަރު އަހުމަދު މަހުލުފެވެ. އޭނާ އިސްވެ ހުންނަވައިގެން ލީޑު ކުރެއްވި މުޒާހަރާގެ ބައިވެރިން މަޖީދީމަގަށް ނުކުތީ ގައުމީ ފުޓްބޯޅަ ދަނޑު، ކައިރި ޝަބުނަމީ މަގުންނެވެ.

މަޖީދީމަގުން ހުޅަނގަށް ބާރު ހިނގުމެއްގައި މުޒާހަރާގެ ބައިވެރިން ކުރިއަށް ދިޔައިރު ދެ ފުލުހަކު މުޒާހަރާގެ ކުރީގައި ސައިކަލުގައި މުޒާހަރާގެ ބައިވެރިންނާ އެއްހަމައެއްގައި ދުއްވަމުން ދިޔަ އެވެ. މުޒާހަރާގެ މިސްރާބު ބަދަލުކޮށްލީ މަޖީދީމަގު ނަލަހިޔާ ހޮޓެލް ކައިރިން ކައިރިންނެވެ.

ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީން މިއަދު ކުރި މުޒާހަރާގައި ސިފައިންގެ ސަފު ފޫއަޅުވާލަައި ރައީސް އޮފީސް ކުރިމައްޗަށް އެއްވުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަނީ-- ސަން ފޮޓޯ/ ހުސައިން ހަސަން

ފަރީދީމަގުން އިރުއުތުރަށް މުޒާހަރާގައި ބައިވެރިން ބާރު ހިނގުމެއްގައި ގޮސް މެދުޒިޔާރަތް މަގަށް ވަތްއިރު، ފުލުހުންތަކެއް ސީގަލް ކެފޭ ކައިރީގައި ތިއްބެވެ. ދުއްވާ އެއްޗެހި ވަނުން މަނާކޮށްފައިވާ އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދަށް މުޒާހަރާގެ ބައިވެރިން ވަތްއިރު ފުލުހުންތިބީ ބަލަހައްޓައިގެންނެވެ. ފުލުހުން މުއާމަލާތް ކުރަން ބޭނުންކުރާ ޓޯކީތަކުން ވާހަކަ ދައްކަމުންދިޔަ އެވެ. އަދި އެ ސަރަހައްދަށް ނުވަނުމަށް ފުލުހުން ގޮވަމުންދިޔަ އިރު، މުޒާހަރާގެ ބައިވެރިން އެކަމަށް ދިނީ ބީރުކަންފަތެކެވެ.

މުޒާހަރާގެ ބައިވެރިން ވަތް ސަރަހައްދަކީ އެއްވެއުޅުމުގެ ގާނޫނުގެ ދަށުން މުޒާހަރާ ނުކުރެވޭނެ ސަރަހައްދެކެވެ.

ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ ގާނޫނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒުގެ އިރުމަތީފަރާތު އިންފާރުން ފެށިގެން 200 ފޫޓް ހިމެނޭ ސަރަހައްދާއި އަދި ދެކުނު ފަރާތު އިންފާރުން ފެށިގެން 150 ފޫޓް ހިމެނޭ ބިމުގެ ސަރަހައްދުގައި އެއްވެ މުޒާހަރާ ކުރުމަކީ މަނާކަމެއް ކަމަށެވެ. އެއްވުން މަނާ ސަރަހައްދު ބަޔާން ކުރަނީ އެ ގާނޫނުގެ 24 ވަނަ މާއްދާގަ އެވެ.

ސިފައިންގެ ސަފު މުޒާހަރާގެ ބައިވެރިން ފޫއަޅުވާލީ ގައުމީ ދިފާއީ ބާރުގެ މައިމަރުކަޒުގެ އިރުދެކުނު ފަރާތު މަގުން ރައީސް އޮފީހާ ދިމާލަށް ދެވެން އޮންނަ މަގުންނެވެ. އެ ސަރަހައްދުގައި ސިފައިންގެ ދެ މީހަކު މަގު ހުރަހަށް އަތް ގުޅުވައިގެން ތިއްބައި މަހުފޫލު އިސްވެ ހުންނަވައި ސަފު ފޫއަޅުވާލައި އެ މަގަމަށް ވަދެގެން ގޮސް، ރައީސް އޮފީސް ކުރިމައްޗަށް އެއްވި އެވެ. ރައީސް އޮފީސް ކުރިމަތީގައި އެ މީހުން މާގިނައިރުތަކެއް ވަންދެން މަޑެއް ނުކުރެ އެވެ. ސިފައިންނާއި ފުލުހުން އެތަނަށް ޖަމާވާން ފެށުމުން މުޒާހަރާގެ ބައިވެރިން މިސްރާބު ބަދަލުކޮށްލީ އެނބުރި އާޓްފިޝަލް ބީޗަށް ދިއުމަށެވެ.

މުޒާހަރާގެ ބައިވެރިން އެނބުރި އާޓްފިޝަލް ބީޗަށް ދިޔަ އިރު އަޑުގަދަ ކުރާ ބޭނުންކޮށްގެން ސަރުކާރާ ދެކޮޅަށް މަޖީދީމަގު އުރީދޫ ކައިރީގައި މުޒާހަރާގެ އިސްބޭފުޅުންތަކެއް ތިއްބެވި އެވެ. ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވި އެއްވުން ނިންމާލީ މިއަދު އިރުއޮއްސި 6:15 ގަ އެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ މިއަދުގެ މުޒާހަރާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި ގްރީން ޒޯނަށް ވަދެ މުޒާހަރާ ކުރި މައްސަލައާ ގުޅިގެން ފުލުހުން ކޮމެންޓެއް ނުކުރެ އެވެ.