މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން( އެމްއެމްޕީއާރްސީ)އަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން 1.22 ބިލިޔަން ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެއެވެ.

މިއަދު އާއްމު ކުރި އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެފައިސާ ދައުލަތަށް ހޯދަން ޖެހިފައިވާ ކަމަށެވެ.

ފައިސާ ދޫކޮށްފައިވާ އަމިއްލަ ކުންފުނިތަކުގެ ނަންތައް ވެސް އޮޑިޓްރިޕޯޓްގައި ހާމަކޮށްފައި ވެއެވެ. އެގޮތުން ބުނެފައި ވަނީ އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާގެ ތެރެއިން ދައުލަތަށް ހޯދަން ޖެހޭ ފައިސާގެ ތެރޭގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ހޯދަން ޖެހޭ 70.17 މިލިޔަން ޑޮލަރާއި މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓްލިމިޓެޑުން ހޯދަން ޖެހޭ 7.50 މިލިޔަން ޑޮލަރާއި މޮންޓްރިއަލް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހޯދަން ޖެހޭ 1.15 މިލިޔަން ޑޮލަރާއި އެހެން އަމިއްލަ ދެކުންފުންޏަކާއި ފަރުދެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ 550000 ޑޮލަރު ކަމަށެވެ.

އެމްއެމްޕީއާރްސީން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓް އެމްއެމްޕީއާރްސީ މެދުވެރިވެގެން ޖުމްލަ 59 ތަނެއް ކުއްޔަށް ދޫކޮށްފައި ވާއިރު އޭގެ ތެރެއިން ހަ ތަނެއް ދޫކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެކު އެއްބަސްވުމެއް ނެތި ކަމަށް ވުން ހިމެނެއެވެ. އަދި އެ 59 ތަނުގެ ލީސް އެކުޒިޝަން ކޮސްޓްގެ ގޮތުގައި 96.86 މިލިޔަން ޑޮލަރު ލިބެން ޖެހޭ އިރު އޭގެ ތެރެއިން އެމްއެމްޕީއާރްސީން ބަލައިގަނެ ރަޝީދު ދޫކޮށްފައި ވަނީ 79.63 މިލިޔަން ޑޮރު ކަމަށެވެ. އަދި 79.63 މިލިޔަން ޑޮލަރުގެ ތެރެއިން އެކޯޕަރޭޝަނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.50 މިލިޔަން ޑޮލަރު ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެކޯޕަރޭޝަނުން ޗެކްގެ ގޮތުގައި ބަލައިގަނެފައިވާ 1.80 މިލިޔަން ޑޮލަރު އެއްވެސް ބޭންކް އެކައުންޓަކަށް ޖަމާކޮށްފައި ނުވާ ކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.