05 Feb 2016, 15:19
މާލޭގެ ހުޅަނގު ދެކުނު ބަނދަރުގައިވާ ކެފޭތައް ( ހާބަރު ކަޑަތައް) ނަގަން ހައުސިން މިނިސްޓްރީން ނޯޓިސް ދީފިއެވެ.
ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސަން އަށް ވިދާޅުވީ ކެފޭތައް ނަގަން ނޯޓިސްދީފައި ވާނީ އެ ތަންތަން ހިންގާ ފަރާތްތަކާއި އެކު ވެފައިވާ އެއްބަސްވުމުގައި އޮތް މުއްދަތަށް ވުރެ ދިގުކޮށް ކަމަށެވެ.
"... އެއެގްރިމެންޓްގައި އޮންނާނީ ދެހަފްތާ. އެއަށް ވުރެ ދިގުކޮށް މުއްދަތު ދީފައިވާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކެފޭތައް ނަގަން ނޯޓިސް ދިނީ އެ ސަރަހައްދުގައި ފުޑްކޯޓްތައް ހެދުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ( އެސްޓީއޯ) އާއި އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެކުންފުނިން މަސައްކަތް ފެށުމަށް ކަމަށެވެ.
މިދިޔަ ޖެނުއަރީމަހު ހައުސިން މިނިސްޓްރީއާއި އެސްޓީއޯއިން ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އެސްޓީއޯއިން ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުގައި ޒަމާނީ ފުޑްކޯޓްތަކަކާއި ޕާކިން ޒޯންތަކަކާއި ދެ ފާހާނާބަރި ހަދާނެއެވެ.
އެއްބަސްވުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު އޭރު ވިދާޅުވީ ފުޑްކޯޓްތައް ތަރައްގީ ކުރުމުން އެ ސަރަހައްދު ވަރަށް ހިތްގައިމު މަންޒިލަކަށް ވެގެންދާނެ ކަމަށެވެ.
"... ވަރަށް ރީތި، ޒަމާނީ، ހިތްގައިމު މަންޒިލަކަށް އިރާދަކުރެއްވިއްޔާ މިތަން ބަދަލުވެގެން މިދަނީ. އެތަނުގެ ކުރިމަތީގައި މިހާރު ހެދިފައި އެވާ ޕާކާ ވެސް ގުޅޭ ގޮތަކަށް، ވީހާ ވެސް އެސަރަހައްދުގެ އެމްބިއަންސާ ގުޅޭ ގޮތަކަށް ތަރައްގީވެގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ހުޅަނގު ބަނދަރު ސަރަހައްދުގައި ފުޑްކޯޓް ތަރައްގީ ކުރާނީ ބަދިގެތަކެއް ހުރެފައި ދެފަރާތުން ވެސް ވަދެވޭ ގޮތަށް، މީހުން އިށީނދެ ތިބުމަށް ބޮޑު ސަރަހައްދެއް އޮންނަ ގޮތަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި ބުނީ ރޮޓަރީ އުސޫލުން ވެހިކަލް ޕާކް ކުރާނެ ދެ ސަރަހަދެއް ވެސް އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ތަރައްގީކޮށް ނިމުމުން އެތަނުގައި ހުންނާނީ 25 ނުވަތަ 27 ސްޓޯލެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އަޙުމަދު ޝަހީރު ވިދާޅުވީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިންމާލެވޭނެ ކަމަށެވެ. ފުޑްކޯޓްތައް ހިންގަން އެކި ފަރާތްތަކަށް ދޫކުރާނެ އުސޫލެއް އެސްޓީއޯ އިން ފަހުން ހާމަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"...އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަ މަސްދުވަހުގެ ތެރޭގައި މިތަން ޑިވެލޮޕްކޮށް ނިންމާނަން. ދެން މިތަން ޑިވެލޮޕްކުރުމުގައި އަޅުގަނޑުމެން ބޮޑަށް ބަލާނީ މިހާރު ވެސް ފުޑްކޯޓްތައް ބޭނުންކުރާ އާއްމު ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަށް ދެ ފޭސް އަކަށް ބަހާލައިގެން،" ޝަހީރު ވިދާޅުވި އެވެ.