ވޮޝިންޓަން (ފެބްރުއަރީ 5) : އައިއެސް ޖަމާއަތް ނައްތާލުމަށް ސޫރިޔާގެ އެތެރޭގައި އެއްގަމު މަގުން އެމެރިކާއާއި އެމެރިކާގެ ބައިވެރިން ހިންގާ އަސްކަރީ އޮޕަރޭޝަނެއްގައި ބައިވެރިވުމަށް ސައޫދީ އަރަބިޔާ ހުށަހެޅުމުން އެމެރިކާ އެކަމަށް މަރްޙަބާ ކިޔައިފި އެވެ.
އެމެރިކާގެ ދިފާއީ ވަޒީރު އޭޝްޓަން ކާޓަރު ވިދާޅުވީ ސައޫދީ އަރަބިޔާގެ މިހުށަހެޅުމަކީ އެމެރިކާއަށް ހިއްވަރުލިބޭ ހުށަހެޅުމެއްކަމަށާ މިކަމާބެހެގޮތުން ސައޫދީ މަސްއޫލުވެރިންނާ އަންނަ ހަފްތާގައި ބްރަސަލްސްގައި މަޝްވަރާ ކުރައްވާނެ ކަމުގަ އެވެ. އިރާގާއި ސޫރިޔާގައި އައިއެސް ޖަމާއަތް މިހާރު ބަލިކަށިވަމުންދާ ކަމަށް އެމެރިކާ ބުނެއެވެ. އަދި ސޫރިޔާގައި އައިއެސް ޖަމާއަތުގެ މަރުކަޒުތަކަށް ރަޝިޔާ ވައިގެ ހަމަލާތައް ދޭން ފެށުމާގުޅިގެން ސޫރިޔާގައި ވެސް އެޖަމާއަތް ބަލިކަށިވާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިގޮތުން އިރާގާއި ސޫރިޔާގައިވާ އައިއެސްގެ ބިންތަކުގެ 30 ޕަސެންޓް މިދިޔަ އަހަރުގެ ފަހު ހަ މަސްތެރޭގައި އެޖަމާއަތަށް ގެއްލިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
އައިއެސް ޖަމާއަތް ނައްތާލުމަށް ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަތުމަށް ސައޫދީ އަރަބިޔާ ތައްޔާރަށް އޮތްކަން ހާމަކުރައްވަމުން ސައޫދީ އަސްކަރީ ތަރްޖަމާން ބްރިގޭޑިޔަރ އަހްމަދުލްއުސައިރީ ވިދާޅުވީ ސައޫދީ އަރަބިޔާއަކީ އައިއެސްއާ ދެކޮޅަށް އެމެރިކާ އެކުލަވާލާފައިވާ ކޯލިޝަންގެ މުހިއްމު ބައިވެރިއެއްކަމާ އައިއެސްއާ ދެކޮޅަށް ސޫރިޔާގެ ބިމުގައި ހަނގުރާމަކުރަން ސައޫދީ ލަޝްކަރުތައް ތައްޔާރަށް އޮތްކަމުގައެވެ. އެމެރިކާ އެކުލަވާލާފައިވާ ކޯލިޝަންއިން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް 190 އަށްވުރެ ގިނަ އައިއެސްގެ ތަންތަނަށް ޙަމަލާދީފައިވާކަމަށް ބުނެފަ އެވެ.
މިކޯލިޝަންގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ އެމެރިކާ އެކަންޏެވެ. ނަމަވެސް އެމެރިކާގެ ޙަމަލާތަކުން އައިއެސްގެ ބާރު ސޫރިޔާގައި ކަނޑުވާލެވިފައެއް ނުވެއެވެ. ސޫރިޔާގައި އައިއެސް ޖަމާއަތް ބަލިކަށިވާން ފަށާފައިވަނީ ރަޝިޔާގެ ހަމަލާތަކަށްފަހުގައެވެ. ސައޫދީ އަރަބިޔާއަކީ އެގައުމުގެ މަސްލަޙަތު ހިމާޔަތް ކުރުމަށް ޓަކައި ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށްވެސް އަސްކަރީ ގޮތުން ވަދެގެންފައިވާ ގައުމެކެވެ. ޔަމަންގެ ހަނގުރާމައިގާ ސައޫދީ އަރަބިޔާ ހިމާޔަތް ކުރަމުން ގެންދަނީ އެގައުމުގެ ތާއީދުލިބިފައިވާ އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރެވެ. ހާދީގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަނީ އީރާނުގެ ތާއީދު ލިބިފައިވާ ހޫޘީ ޖަމާއަތުންނެވެ.
އަނެއްކޮޅުން ސޫރިޔާގައި ސައޫދީން ތާއީދުކުރަނީ އެގައުމުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކަށެވެ. މިކަމުގެ ސަބަބަކީ ސޫރިޔާގައި ސައޫދީންގެ މަސްލަހަތު ޙިމާޔަތް ކުރަނީ އެގައުމުގެ އިދިކޮޅު ފަރާތްތައް ކަމަށްވާތީއެވެ. (ނޫސްއެޖެންސީތައް)