ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިސާމް ރަސްމީ ދަތުރުފުޅެއްގައި އުތުރުގެ ހަތަރު އަތޮޅަކަށް ވަޑައިގެންފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ބިސާމް ވަޑައިގެންނެވީ ނ،ރ،ބ އަދި ޅ.ލ އަތޮޅަށް ކަމަށެވެ. އޭނާގެ ދަތުރުފުޅުގައި އެއަތޮޅުތަކުގެ ކައުންސިލްތަކުގެ މެމްބަރުންނާއި އެ އަތޮޅުތަކުގައި ތިބޭ ފުލުހުންނާއި ޖިނާއީ އަދުލުގެ ނިޒާމާއި ގުޅުން ހުރި ފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އޭގެ އިތުރުން އެ އަތޮޅުތަކުގައި ހިންގަމުން އަންނަ ޕީޖީ އޮފީހުގެ ގޮފިތަކުގެ މަސައްކަތް ހިނގަމުން އަންނަ ގޮތް ބިސާމް ބައްލަވައިލައްވާނެ އެވެ.

ބިސާމްގެ ދަތުރުފުޅުގައި ޕީޖީ އޮފީހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ ދެމަސް ކުރިން ޕްރޮސެކިއުޓާ ޖެނެރަލް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ބިސާމް، އަތޮޅުތަކަށް ކުރައްވާ މިއީ މިފަދަ ފުރަތަމަ ދަތުރުފުޅެވެ.