05 Feb 2016, 13:34
އަނިޔާ އިން ސަލާމަތްވެ މެންޗަސްޓާ ސިޓީގެ ކެޕްޓަން ވިނެސެންޓް ކޮމްޕެނީ އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
ކޮމްޕެނީ އަނަޔާވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ސަންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ ގޮތުން އެ މެޗުގެ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުއިންތާ ނުވަ މިނެޓް ފަހުން އޭނާގެ ކުޑަ ކަޅުވާ އަށް އަނިޔާ ވެގެން ވަނީ ބަދަލުކޮށްފަ އެވެ.
އިއްޔެ ބޭއްވި ސިޓީގެ ފަރިތަކުރުންތަކުގައި ކޮމްޕެނީ ބައިވެރިވި ނަމަވެސް އޭނާގެ އެންމެ ފަހުގެ ހާލަތާ ގުޅޭ ގޮތުން މިއަދު އޮންނަ ޕްރީ މެޗް ޕްރެސްގައި ސިޓީގެ ކޯޗު މެނުއަލް ޕެލިގްރިނީ ވާހަކަ ދައްކާނެ އެވެ.
މާދަމާ ލީގްގެ އެއްވަނާގައި އޮތް ލެސްޓާ ސިޓީއާ ދޮކޮޅަށް ކުޅޭ މެޗުގައި ކޮމްޕެނީ ފެނުމުގެ ފުރުސަތު ކުޑަ ނަމަވެސް އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ވާދަވެރި ޗެލްސީއާ ދެކޮޅަށް ނިކުންނަ މެޗައް އޭނާ މުޅިން ފިޓްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ކޮމްޕެނީ އަށް އަނިޔާވި ފަހުން ލީގްގައި ސިޓީ ކުޅުނު ހަތް މެޗުން ވެސް ބަލިވެފައި ނުވާ އިރު އެ ޓީމް މި ވަގުތު އޮތީ 47 ޕޮއިންޓާ އެކު ލީގްގެ ދެވަނައިގަ އެވެެ. އަދި މާދަމާ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބް ކޮށްގެން ޕޮއިންޓްގެ ގޮތުން އެއްވަރުވެ ފައިދާ ގޯލުގެ ތަފާތުން ސިޓީއަށް އެއްވަނަ އަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ.