ޝަރީއަތް ނިމެންދެން ގޭ ބަންދަށް ބަދަލުކޮށްފައި ހުރި މ. ޝުރާމަންޒިލް، ހާމިދު އިސްމާއިލް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް މިއަދު ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން ރޭ ހާމިދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ތަފްސީލެއް ނުދެއްވައެވެ.

އެނގިފައިވާގޮތުގައި ހާމިދު ހައްޔަރުކޮށްފައި ކުރިމިނަލް ކޯޓަށް ހުށައަޅާފައިވާ އޭނާގެ މައްސަލައެއްގެ ހުކުމް ކުރަންދެކަށެވެ.

ޝަރީއަތްނިމެންދެން ހާމިދު ގޭބަންދަށް ބަދަލުކުރީ މިދިޔަމަހުގެ 17 ވަނަ ދުވަހު އެވެ.

ހާމިދުގެ މައްޗަށް އެ ދައުވާ އުފުލީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. އެއީ އެ ގާނޫނުގެ ދަށުން އުފުލި ފުރަތަމަ ދައުވާ އެވެ.

ފުލުހުން ބުނީ ހާމިދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅުންހުރި މަނީލޯންޑަރިންގެ މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނާ ގޮތުން މަނީލޯންޑަރިންގެ ކުށެއްކޮށްފި މީހެއްގެ އަދަބަކީ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ނުވަތަ ކުށުގެ އަމަލުހިންގުމަށް ބޭނުންކުރި ފައިސާގެ އަދަދުގެ ފަސްގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.