05 Feb 2016, 11:26
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ކާރާއި ސައިކަލް ދުއްވޭނެ ވަކި މުއްދަތެއް ކަނޑައަޅައި މިފެށޭ ހަފްތާ އިއުލާން ކުރެވިގެންދާނެ ކަމަށް ޓުރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ސަން އަށް ވިދާޅުވީ ރާއްޖޭގައި ކާރާއި ސައިކަލް ރަޖިސްޓްރީކޮށްގެން ދުއްވޭނެ ވަކި މުއްދަތެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އަލަށް ގެންނަ ސައިކަލާއި ކާރު 15 އަހަރަށް ދުއްވުމުގެ ހުއްދަދޭއިރު ކުރިން ބޭނުންކޮށްފައިވާ ކާރާއި ސައިކަލް އަލަށް ރަޖިސްޓްރީ ކުރާއިރު ދުއްވޭނެ މުއްދަތަކަށް 10 އަހަރު ކަނޑައަޅާފައިވާ ކަމަށެވެ.
އެމުއްދަތު މިހާރު ނިންމާފައިވާއިރު މިފެށޭ ހަފްތާގައި އެކަން އިއުލާންކޮށް އަމަލު ކުރަން ފެށޭނެ ކަމަށްވެސް ނާފިޒު ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ ފެށޭ ހަފްތާގައި އާދިއްތަ ނުވަތަ ހޯމަ ހިސާބުގައި މާލޭގެ އުމުރުފުރާ ރަޖިސްޓްރީ ކޮށްގެން ދުއްވޭނެ އުމުރުފުރާ މިހާރު މިވަނީ ކަނޑައަޅައި ނިމިފަ، އެކަން އިއުލާން ކުރަން އަޅުގަނޑުމެން މިފެށޭ ހަފްތާގައި." ނާފިޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަލަށް އަމަލު ކުރަން ފަށާއެ އުސޫލުގެ ތެރޭގައި މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ނުހިމެނޭނެ ކަމަށެވެ.
އެއުސޫލް ތަންފީޒު ކުރެވެން ފެށުމާއެކު ވެހިކަލް ގިނަވެގެން މިހާރު ޖެހޭ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ނާފިޒު ވިދާޅުވިއެވެ.