ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް (ޖީޕީއެސް)ގެ 15 ސެޓެލައިޓަކުން ފޮނުވާ މައުލޫމާތުތަކެއް އޮޅި، ދުނިޔޭގެ ބައެއް ހިސާބުތަކަށް ލިބޭ ޖީޕީއެސް ސިގްނަލްގައި މައްސަލަ ޖެހިއްޖެ އެވެ.

ވަގުތު މޮނީޓަރުކުރާ ކޮމްޕެނީ "ކްރޯނޯސް"އިން ބުނި ގޮތުގައި، 15 ޖީޕީއެސް ސެޓެލައިޓަކުން ނުބައި ވަގުތެއް ވަނީ ބްރޯޑްކާސްޓް ކޮށްފަ އެވެ. އެ ސެޓެލައިޓުތަކުން ބްރޯޑްކާސްޓު ކުރި ވަގުތަކީ 13 މައިކްރޯސެކަންޑް އަވަސް ވަގުތެކެވެ.

ޖީޕީއެސްއަކީ، ގަޑިން ވާ ވަގުތާއި، ދުނިޔޭގައި އެވަގުތު އެމީހަކު ހުރި ސަރަހައްދު ފަދަ މައުލޫމާތުތައް، މޫސުން ކޮންމެ ގޮތަކަށް އޮތަސް އެ މައުލޫމާތުތައް ފޯރުކޮށްދޭ ނިޒާމެކެވެ.

ކްރޯނޯސްއިން ބުނާ ގޮތުގައި، ޖީޕީއެސްގައި ޖެހުނު މައްސަލައާ ގުޅިގެން، ޖުމްލަ 12 ގަޑި އިރު ވަންދެން ބައެއް ކުންފުނިތަކުން ޖީޕީއެސްއަށް ބަރޯސާވެ ދޭ ޚިދުމަތްތަކަށް ބުރޫ އަރާފައި ވެ އެވެ.

އެމެރިކާގެ އެއާފޯހުން ބުނާ ގޮތުގައި، މި މައްސަލަތައް ކުރިމަތިވާން ފެށީ، ޖީޕީއެސްގެ ސެޓެލައިޓެއް ކަމުގައިވާ އެސްވީއެން 23 އެ ނިޒާމުން ޑީކޮމިޝަން ކުރުމުންނެވެ. ޖީޕީއެސް ސެޓެލައިޓް ނެޓްވޯކް ބަލަހައްޓަނީ އެމެރިކާ އެއާފޯސްއިންނެވެ.

ދުނިޔޭގެ ބައެއް ޓެލެކޮމް ކުންފުނިތައް މަސައްކަތް ކުރަނީ ޖީޕީއެސްއިން ފޯރުކޮށްދޭ މައުލޫމާތަށް ބިނާކޮށެވެ. ނަމަވެސް ޖީޕީއެސްގައި 13 މައިކްރޯސެކަންޑްގެ މައްސަލަ ދިމާވުމުން ގިނަ ކުންފުނިތަކެއްގައި އެތައް ހާށް ސިސްޓަމް ވޯނިންގތަކެއް އެކްޓިވޭޓް ވެގެން ދިޔަ އެވެ.

މީގެ ކުރިން ބައެއް ރޭޑިއޯ ސްޓޭޝަނުތަކުގެ ބްރޯޑްކާސްޓްތަކުގެ ސިގްނަލަށް ބުރޫ އެރުމުގެ ސަބަބުން ވެސް، އެކަން ހިނގަން މެދުވެރިވަނީ ޖީޕީއެސްގެ ސިގްނަލްގެ ސަބަބުން ކަމަށް ކަނޑައެޅިފައި ވެ އެވެ.

އެހެން ނަމަވެސް ޖީޕީއެސްއަކީ ގިނަ ބަޔަކަށް އޭގެ ފައިދާ ލިބޭ ނިޒާމެކެވެ. ޖީޕީއެސް ލޮކޭޝަނާއި އެހެނިހެން މައުލޫމާތު ފޯރުކޮށްދިނުމަށް، އެކަމަށް ޚާއްސަ 31 ސެޓެލައިޓް ދުނިޔޭގެ ވަށައިގެން އެނބުރެ އެވެ.