05 Feb 2016, 13:37
މީގެ ފަސް އަހަރު ކުރިން ފެށިގެން ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުމުގެ އަސަރު ކޮށްފައިވާ ސީރިޔާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން 10 ބިލިޔަނަށް ވުރެ ގިނަ ޑޮލަރު ހަދިޔާ ކުރުމަށް ދުނިޔޭގެ ބައެއް ގައުމުތަކުން ނިންމައިފި އެވެ.
ސީރިޔާއަށް ހެޔޮ އެދޭ 60 ގައުމެއްގެ ލީޑަރުން އިސްވެ، ލަންޑަނުގައި ކުރިޔަށް ގެންދިޔަ "ޑޯނަ ކަންޓްރީސް" ބައްދަލުވުމުގައި، އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވީ، ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުން ވަނީ، ހާލުގައި ޖެހިފައިވާ ސީރިޔާ ރައްޔިތުންނަށް 10 ބިލިޔަނަށް ވުރެ ގިނަ ޑޮލަރު ހަދިޔާ ކުރުމަށް ނިންމާފައި ކަމަށެވެ.
އަދި އެ ފައިސާ ބޭނުން ކުރެވޭނީ ކާނާއާއި ބޯހިޔާވަހިކަމާއި ސިއްހީ ފަރުވާއަށް ޖެހިފައިވާ އެތައް މިލިޔަން ސީރިޔާ ރައްޔިތުންނަށް އެކަންކަން ހޯދައިދިނުމަށް ކަމަށް ކެމެރަން ވިދާޅުވި އެވެ.
ކެމެރަން ވިދާޅުވީ، 10 ބިލިޔަން ޑޮލަރު ހަމަޖެހިގެން ދާ އިރު، އެއީ ހަމައެކަނި 2016ގެ ތެރޭގައި ހަމަޖެހިގެން ދާނެ ފައިސާ ކަމަށެވެ. އަދި 2020 ވަނަ އަަހަރާއި ހަމައަށް އިތުރު ފަސް ބިލިޔަން ޑޮލަރު ސީރިޔާގެ ރައްޔިތުންނަށް އެހީތެރިވުމަށް ޓަކައި ހަމަޖައްސައިދިނުމަށް ހެޔޮ އެދޭ ގައުމުތަކުން ނިންމާފައިވާ ކަމަށް ކެމެރަން ވިދާޅުވި އެވެ.
އަދި ސީރިޔާގެ 4.6 މިލިޔަނަށް ވުރެ ގިނަ ރެފިއުޖީންނަށް ހިމާޔަތް ދީފައިވާ ތިން ގައުމު ކަމުގައިވާ ތުރުކީ، ލުބުނާނު އަދި އުރުދުންއިން، ރެފިއުޖީ ކުޑަކުދިންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ވެސް ކެމެރަން ވިދާޅުވި އެވެ.
"ޖީލެއް ގެއްލި ދިޔަ ނުދިނުމަށް ޓަކައި، ބައިނަލްއަގްވާމީ މުޖުތަމަޢުން އޮތީ މިކަމަށް ވެވެން އޮތް ކިތަންމެ ބޮޑު އެހީއެއް ވެދިނުމަށް ވެސް ތައްޔާރަށް،" ކެމެރަން ވިދާޅުވި އެވެ.
ސީރިޔާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ދުނިޔޭގެ 60 ގައުމު މަޝްވަރާ ކޮށްގެން 10 ބިލިޔަން ޑޮލަރު ހަދިޔާ ކުރީ، އެންމެ ދުވަހެއްގެ މަޝްވަރާގެ ތެރެއިންނެވެ.
މިކަމާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫން ވިދާޅުވީ، އެންމެ ގައުމަކަށް އެހީތެރިވުމަށް މީގެ ކުރިން ބައިނަލްއަގްވާމީ މުޖުތަމައުއިން މިފަދަ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
ސީރިޔާ ރައްޔިތުންނަށް ޓަކައި ވިލާތުގެ އިއްތިހާދުން 3.2 ބިލިޔަން ޑޮލަރު ހަދިޔަ ކުރުމަށް ނިންމި އިރު، އިނގިރޭސި ވިލާތުން ބުނެފައިވަނީ 2020 ވަނަ އަހަރާޢި ހަމައަށް 1.7 ބިލިޔަން ޑޮލަރު ފޯރުކޮށްދޭނެ ކަމަށެވެ. އަދި 2018 އާ ހަމައަށް ޖަރުމަނުން 2.6 ބިލިޔަން ޑޮލަރު ދޭނެ ކަމަށް ވައުދުވި އިރު، ފްރާންސްއިން މިއަހަރު އެއް ބިލިޔަން ޑޮލަރު، އަދި އެމެރިކާއިން 925 މިލިޔަން ޑޮލަރު ދިނުމަށް ވައުދުވި އެވެ.
މީގެ އިތުރުން އޮސްޓްރޭލިޔާ، ބެލްޖިއަމް، އިޓަލީ، ޕޮލެންޑް، ޖަޕާން، ޔޫއޭއީ، އޮސްޓްރިޔާ، އެސްޓޯނިއާ، ސްވިޓްޒަލެންޑް، ޑެންމާކް އަދި ފިންލެންޑާއި، ވޯލްޑް ބެންކާއި ޔޫރަޕިއަން އިންވެސްޓްމެންޓް ބެންކަކީ ވެސް ސީރިޔާގައި ތިބި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ފައިސާ ދިނުމަށް ވައުދުވި ބައެއް ގައުމުތަކާއި އިދާރާތަކެވެ.