05 Feb 2016, 00:29
އިސްލާމް ދީނުގެ ނަމުގައި ދީނަށް ހުތުރު އަރުވަން ކުރާ މަސައްކަތުގައި މިއަދު އެންމެ ބޮޑު ހުތުރު ނަމެއް ލިބޭ ބަޔަކީ ދިވެހިން ކަމަށް، މައިބަދައިގެ އޮޕަރޭޝަނަކަށް އިނގެރޭސިވިލާތަށް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ މިރޭ އެމްޑީޕީން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ދެއްކި ވީޑިއޯ މެސެޖެގައެވެ.
ރައީސް ނަޝީދަށް މީގެ ކުރީން އެންމެ ބޮޑަށް ފާޑުވިދާޅުވ،ި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްގެ އަރިހުގައި ހުންނަވައިގެން ނަޝީދު މިރޭ ވިދާޅުވީ، ދީނުގެ ނަމުގައި ހިންގާ ހުތުރު ކަންކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހީނަރުވަމުން އަންނަ ކަމަށެވެ.
"މި ހުރިހާ ކަމެއްގެ ނަތީޖާ އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޯދަށަށް ޖެހުން. އިގްތިސާދު ހީނަރުވުން. ވަޒީފާތައް ގެއްލި އަތްމަތި ދަތިވުން. ވިޔަފާރި އާއި އިގްތިޞާދަށް ލޮޅުން އައުން. ބައިނަލްއަގްވާމީ އިންވެސްޓަރުން ރާއްޖެއަށް މޫނު އަނބުރާލުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، އެކަންކަން ރަނގަޅު ކުރެވޭނީ އެމްޑީޕީ އާއި އަދާލަތު އެކުގައި ނުކުތުމުން ކަމަށެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުން ނަޝީދު ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.
"ނުވާ ކަންތައް ވީކަމަށް ބުނެ، ވީ ކަންތައް ނުވާ ކަމަށް ބުނެ ތިޔަ ހިންގަވާ ނާއިންސާފާއި އަނިޔާ އާއި ބޭއިންސާފީ ޝަރީއަތްތަކަށް ވަރިހަމަ ކޮށްގެން ތިބޭކަށް އަޅުގަނޑުމެން ނެތިން. ނުވެސް ތިބޭނެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަށް އަދި އެނބުރިވަޑައިގަންނަވާނެ ކަމަށެވެ.