މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު އެމްޑީޕީ އާ ގުޅުވައިގެން ދެކެވުނު ވާހަކަތަކަށް އެ ޕާޓީން ހިތް ހަލާސް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ "ކޮރަޕްޝަން ޔަގީން"ގެ ނަމުގައި އެމްޑީޕީން މިރޭ ކުރިއަށް ގެންދާ ޖަލްސާގަ އެވެ. އިނގެރޭސިވިލާތުގައި ހުންނަވާ ދެއްވި މެސެޖުގައި ޖަމީލްގެ ފަހަތުން ކުރީގެ ރައީސް ނަޝީދުވެސް ފެނެ އެވެ. އަދި ދެބޭފުޅުން ވަނީ ޕޯޑިއަމް ކައިރިއަށް ވަޑައިގަތުމުގެ ކުރިން ސަލާމްވެސް ކުރައްވާފައެވެ.

ޑރ. ޖަމީލަކީ ރައީސް ނަޝީދަށް އެންމެ ބޮޑަށް ފާދުވިދާޅުވި އެއް ބޭފުޅެވެ. އެގޮތުން އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ޖަމީލު ވަނީ ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވިޔަސް ވެރިކަން ހަވާލު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހުންނަވަން ޖެހޭނީ ޖަލުގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"މީގެ ކުރިން އެމްޑީޕީ އާއި ރައީސް ނަޝީދު އާއި މެދު ދެކެވިފައިވާ ވާހަކަތަކަށް ހިތްހަލާސް ކޮށްދިނުމަށް އެދެން،" ޖަމީލް ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް އިތުރަށް ވިދާޅުވީ އަނެއްކާވެސް ރާއްޖޭގައި ވިރާސީ ޝާހީ ވެރިކަމެއް ގާއިމުވެގެން އަންނަ ކަމަށާއި ރައީސް ޔާމީނުގެ ވެރިކަމުގެ ހުއްޖަތު ގެއްލިފައިވާ ކަމަށެވެ.

އަދުގެ ސަރުކާރުގައިކޮރަޕްޝަން ވަރަށް ބޮޑަށް އޮތްކަމަށް ވިދާޅުވެ ޖަމީލް ވިދާޅުވީ، އެ މަގުސަދު ހާސިލް ކުރުމަށް ތެދުވަން ޖެހުނު ކޮންމެ ބަޔަކާއި އެކު ތެދުވާނެ ކަމަށާއި ގުޅެން ޖެހުނު ކޮންމެ ބަޔަކާއި ގުޅޭނެ ކަމަށެވެ.