ދިރާގުން ޕޯސްޓްޕެއިޑް ސްމާޓުފޯނު "ގިވްއަވޭ"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަންގެ ތެރެއިން މި ހަފްތާގެ ހަތް ނަސީބުވެރިންނަށް ސްމާޓު ފޯނު ހަވާލުކޮށްފި އެވެ.

ޖެނުއަރީ މަހު 11 ވަނަ ދުވަހުން ފެށިގެން މިމަހު 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ވެސް ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެންމެ ފަހުގެ ސްމާޓް ފޯނެއް އެކުންފުނިން ހަދިޔާކުރާނެ އެވެ.

މިރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފޯނުތައް ލިބުނު ކަސްޓަމަރުންގެ ތެރޭގައި، ހ. ހަތިހާ، ޒަހާ ވަހީދު އާއި ހ. ޝޯޓެއިލްވިލާ، މުހައްމަދު އިސްމާއިލް އާއި ސ. މަރަދޫފޭދޫ ތަރި، މުހައްމަދު ނަސީމް އާއި ހ. ކްރެސްޓް، އަހުމަދު ޝުހާދު އާއި ކ.ހުރާ ރޯސް، އަބްދުއްރަހުމާން ސަލާހް ރަޝީދު އާއި ސ. ހުޅުދޫ އެވަގްރީން، އިބްރާހިމް ލުތުފީ އާއި މއ. ސިއާ ހާމިދު ރިޒާ އާއި ހއ. ތުރާކުނު ނޫކޮކާގެ، މުހައްމަދު އަބްދުލް ލަތީފް އާއި ހއ. ބާރަށް ކްލޫހައުސް، މޫސާ ނިޔާޒްގެ އިތުރުން ގދ. ދެއްވަދޫ ހުސްނާގެ، އިބްރާހިމް ދީދީ ހިމެނެ އެވެ.

އެ ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ލިބޭ ފޯނުތަކަކީ، އެޕަލް އައިފޯން6 އެސް، އެޕަލް އައިފޯނު6 އެސް ޕްލަސް، ސެމްސަންގް ގެލެކްސީ އެސް6 އެޖްގެ އިތުރުން ސެމްސަންގް ގެލެކްސީ އެސް6 އެޖް ޕްލަސް އެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވީ ޕޯސްޓްޕެއިޑު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ފަރާތްތަކުން އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭނެ ކަމަށެވެ.

އެގޮތުން މިހާރު ވެސް ދިރާގު ޕޯސްޓްޕެއިޑު ބޭނުންކުރަމުންދާ ފަރާތްތަކާއި އަލަށް ޕޯސްޓްޕެއިޑު ބޭނުންކުރާ ފަރާތްތަކަށް ވެސް އެއްވެސް މަސައްކަތެއް ކުރުމަކާ ނުލައި އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ޕޯސްޓްޕެއިޑު ސްމާޓު ފޯނު ގިވްއަވޭ ޕްރޮމޯޝަން އަކީ އާ އަހަރާއި ގުޅުވައިގެން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަން އެކެވެ.

އަދި އެފަދަ އެހެނިހެން ހަރަކާތްތައް ދިރާގުގެ އެހެނިހެން ޕްރޮޑަކްޓުތައް ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން މި އަހަރު ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.