އަރޫނާޗަލް ޕްރަދޭޝް: އިންޑިޔާގެ މަދަނީ ހެލިކޮޕްޓަރެއް އެޤައުމުގެ އިރުއުތުރަށް ވެއްޓި އެއިން ދަތުރުކުރި 23 މީހުންގެ ތެރެއިން 20 މީހަކު މަރުވެއްޖެވެ.

އިންޑިޔާގެ އަރޫނާޗަލް ޕްރަދޭޝްގެ ފުލުހުން ބުނިގޮތުގައި މިހެލިކޮޕްޓަރުވެއްޓުނީ އެސްޓޭޓްގެ އިރުމަތީގައިވާ ޓަވަންގް ނަމަކަށް ކިޔާ ރަށަކަށެވެ. މިއީ ޗައިނާގެ ސަރަޙައްދީ ރޮނގާ ކައިރީގައިވާ ތަނެކެވެ.

މިޙާދިޘާގައި 20 މީހުން މަރުވެފައިވާއިރު އަނެއް 3 މީހުން ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށާއި އެމީހުން ކައިރީގައިވާ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދެމުން ގެންދާ ކަމަށް ފުލުހުންގެ އިނިސްޕެކްޓަރ އެސް.ބީ.ސިންގ ވިދާޅުވިއެވެ. ރަޝިޔާގައި އުފައްދާފައިވާ މައި -17 މަރުކާގެ މިހެލިކޮޕްޓަރަކީ އިންޑިޔާގެ ބަވަން ހޭންސް ހެލިކޮޕްޓާރސް ކުންފުނިން ބޭނުންކުރަމުން ގެންދާ ހެލިކޮޕްޓަރެކެވެ. މިއީ ހެލިކޮޕްޓަރުގެ ޚިދްމަތްދޭ ކުންފުންޏެކެވެ.

މިހެލިކޮޕްޓަރ ބޭނުންކުރަނީ ފަސިންޖަރުން އުފުލުމަށެވެ. މި ހެލިކޮޕްޓަރ ދަތުރުކުރީ ޓަވަންގެ ބުޑިސްޓް ދީނީ މަޒާރަކުން މީހުން ގޮވައިގެން އާސާމްގެ ގުވަހައްޓީ އަށެވެ. މިއީ ޝެޑިއުލް ދަތުރެކެވެ.

މި ހެލިކޮޕްޓަރ ވެއްޓުނު ސަބަބު ހޯދުމަށްޓަކައި ފަންނީ ޓީމެއް ޓަވަންގްއަށްގޮސް ތަޙްޤީޤްތައް ފަށާފައިވާ ކަމަށް އަރޫނާޗަލް ޕްރަދޭޝްގެ ފުލުހުން ބުނެއެވެ. (ޕްރެސް ޓްރަސްޓް އޮފް އިންޑިޔާ)