04 Feb 2016, 22:31
ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ވަޑައިގެންހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަށް އޮޕަރޭޝަން ނުކޮށްފިނަމަ އެމަނިކުފާނުގެ ހަށިގަނޑުގެ އެއްފަޅީގެ ވާގި ނެތިދާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންނާ ހަވާލާދެއްވައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިރޭ ސަން އަށް ވިދާޅުވީ، އޮޕަރޭޝަން ކުރުން ލަސްވެއްޖެނަމަ ނަޝީދުގެ ހަށިގަނޑުގެ އެއްފަޅީގެ ވާގި ނެތިދާނެތީ އޮޕަރޭޝަން އަވަސް ކުރުމަށް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އެދިވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ، ނަޝީދު ރާއްޖެއިން ބޭރަށް ނުފޮނުވި ލަސްވެގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުން އުޅުއްވި ކަމަށެވެ. އަދި ނަޝީދު ބޭރަށް ފޮނުވުން ލަސްވެގެން އުޅުނީ އެމަނިކުފާނުގެ ބަލިހާލަތު ހުރިގޮތުން ހަށިގަނޑުގެ އެއްފަޅި ވާގިނެތޭ ހިސާބަށް ގޮސްފައިވާތީ ކަމަށް ނަޝީދުގެ ބައިނަލް އަގުވާމީ ވަކީލުންނާއި ދިވެހި ވަކީލުން ވިދާޅުވި ކަމަށް އުމަރު ވިދާޅުވިއެވެ.
"ނަޝީދަކީ ވަރަށް ބަލި މީހެއް. އޭނާއަކީ އެއްފަޅި އައްސިވެފައި ހުރި މީހެއް ކަމަށް އޭނަގެ ލޯޔަރުން އެބަ ވިދާޅުވޭ. އަދި އަޅުގަނޑުމެންނަކަށް ނުފެނޭ އޭނަގެ އެއްފަޅި އައްސިވެގެން އޮޕަރޭޝަން ކުރާ ތަނެއް،" އުމަރު ވިދާޅުވިއެވެ.
އުންމީދު ކުރައްވަނީ އަވަހަށް ނަޝީދުގެ އޮޕަރޭޝަން ކުރައްވާނެ ކަމަށް ކަމުގައި ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
"މިކޮޅުގަ އެއްގޮތަކަށް ވެސް ނުހުރެވިގެން އެއްފަޅި އައްސިވާތީ ވަޑައިގެންނެވި ބޭފުޅެއް އެއީ. އަޅުގަނޑު އެދެނީ އަވަހަށް އޮޕަރޭޝަން ކުރަން. އެހެންނޫނީ އެއްކޮށް ވާގި ހިނގައިދާނެތާ. ކުރިން އެބޭފުޅުން ވިދާޅުވެފަ އޮވޭ މާގިނަ ދުވަސް ވެއްޖެއްޔާ ވާގި ހިނގައިދާނެ ކަމަށް،" އުމަރު ވިދާޅުވިއެވެ.
ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެގައުމުގެ ބޮޑުވަޒީރު ޑޭވިޑު ކެމެރަންއާ ބައްދަލު ކުރެއްވުމެވެ. އޭގެފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެކި ޓީވީ ސްޓޭޝަންތަކުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަތެވެ. އަދި އެއަށްފަހު ޑޭވިޑު ކެމެރަންގެ ލަފާފުޅުގެމަތިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ނަޝީދުގެ އޮފީހުން ވަނީ ބުނެފައެވެ.