04 Feb 2016, 22:10
އުރީދޫ މޯލްޑިވްސް އާއި މީޑިއާނެޓުން އެ ދެ ކުންފުނީގެ ވިޔަފާރި ކުރިއަރުވައި، ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ބޭނުމުގައި ދެ ކުންފުނީގެ ދެމެދުގައި އިންފްރާސްޓްރަކްޗަރ ހިއްސާކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ހޮޓެލް ޖެން ގައި މިރޭ އޮތް ހާއްސަ ރަސްމިއްޔާތެއްގައި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ. މީޑިއާނެޓްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަހްމަދު ޝަފީއު އެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ދެ ކުންފުނީގެ ދެމެދުގައި ނެޓްވޯކް އިންފްރާސްޓްރަކްޗަރ ހިއްސާކުރެވި، އަވަސް މުއްދަތެއްގެ ތެރޭގައި ނެޓްވޯކް އަޕްގްރޭޑް ކުރެވި ނެޓްވޯކް ފުޅާކުރުމުގައި ގިނަގުނަ ފަސޭހަތަކެއް މެދުވެރިވެ، ދެ ކުންފުނީގެ ކަސްޓަމަރުންނަށް ފައިދާ ވާނެ ކަމަށް ވިކްރަމް ސިންހަ ވިދާޅުވި އެވެ.
"އިންފްރާސްޓްރަކްޗަރ ޝެއަރ ކުރުމުގެ ސަބަބުން ހިދުމަތުގެ ފެންވަރާއި ސްޕީޑް ރަނގަޅު ކުރުމަށާއި ހިދުމަތް ދިނުމަށް ހިނގާ ހަރަދު ކުޑަކުރެވުމުގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި އަދި ދިވެހީންނަށް އިތުރު ހިދުމަތްތަކެއް ތައާރަފް ކުރުމުގައި ބާރުވެރިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެގޮތުން މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން އުރީދޫގެ ފިކްސްޑް ލައިން އިންޓަނެޓް އަދި ހޯމް ސޮލިއުޝަންތައް ރއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގައި ފަސޭހަވެގެން ދާނެ ކަމަށް ސިންހަ ވަނީ ވިދާޅުވެފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި މީޑިއާނެޓްގެ ސީއީއޯ ވިދާޅުވީ، އުރީދޫ އާއެކު އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން ކައިރި މުސްތަގުބަލެއްގައި އިތުރު އަތޮޅުތަކަށް މީޑިއާނެޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.