މޮގަދިޝޫ (ފެބްރުއަރީ 4):ސޯމާލިއާގެ މޮގަދިޝޫ އެއާޕޯޓުން އަންގާރަ ދުވަހު ނައްޓާލިތާ ކުޑައިރުކޮޅެއް ފަހުން ބާގަނޑެއް ހެދުމުގެ ސަބަބުން އަނބުރާ ޖައްސަން ޖެހުނު އެއާބަސް321ގެ އެއް ފަސިންޖަރު މަދުކަމަށް އެބޯޓު ނިސްބަތްވާ އެއާލައިނުން ބުނެފި އެވެ.

ސޯމާލިއާގެ ޑާލޯ އެއާލައިނުން މީގެ ކުރިން ބުނީ ބޯޓު އަނބުރާ އެއާޕޯޓުގައި ޖެއްސުމަށްފަހު ބެލިބެލުމުން އެއްވެސް ފަސިންޖަރަކު މަދުކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެހާދިސާގެ ސަބަބުން އަނިޔާވީ ދެމީހަކަށް ކަމަށެވެ.

ގަބޫލުކުރެވިފައިވާ ގޮތުގައި ފްލައިޓުގައި ބާގަނޑު ހެދުމުން އެފަސިންޖަރު ވެއްޓުނީ އެވެ. އަދި މޮގަދިޝޫގެ އުތުރުގައި އޮންނަ އަވަށެއްގެ އާއްމުން ވަނީ ބޯޓުން ވެއްޓުނު ކަމަށް ލަފާ ކުރެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ބުނެފައެވެ.

ހާދިސާ ހިނގި ވަގުތު ބޯޓުގައި ދަތުރުކުރި ބައެއް މީހުން ލަފާކުރާ ގޮތުގައި ބޯޓުގައި ބާގަނޑެއް ހެދުނީ ބޮމެއް ފަދަ އެއްޗެއް ގޮވުމުގެ ސަބަބުންނެވެ. ސޯމާލިއާގެ ފުލުހުން މިހާރު ދަނީ އެހާދިސާ ތަހުގީގު ކުރަމުންނެވެ. (ބީބީސީ)