04 Feb 2016, 20:30
މާލެއިން ހުޅުމާލެއަށް ދިޔަ ފެރީ ދޯންޏެއް ހުޅުމާލެ ފެރީ ޓާމިނަލާ ކައިރިކުރާން އުޅުމުގެ ތެރޭގައި އިންޖީނު ހުއްޓުމުގެ ސަބަބުން އެ ދޯނި ޖެޓީގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ބައެއް ފަސިންޖަރުންނަށް އަނިޔާވެއްޖެއެވެ.
މަލެ-ހުޅުމާލެ ފެރީގެ ހިދުމަތްދޭ ކުންފުނި، އެމްޓީސީސީގެ އޮފިޝަލަކު މިރޭ ސަންއަށް ވިދާޅުވީ، އެ ކުންފުނީގެ ފެރީއެއް ކަމަށްވާ "އުފާ ދޯނި" ހުޅުމާލޭ ފެރީ ޓާމިނަލާ ކައިރިކުރާން އުޅުމުގެ ތެރޭގައި އިންޖީނު ހުއްޓުމުގެ ސަބަބުން ދޯނި ކޮންޓްރޯލް ނުކުރެވިގެން ގޮސް ޖެޓީގެ އަރިމަތީގައި ޖެހުނީ ކަމަށެވެ.
"އުފާ ދޯނި، ހުޅުމާލޭ ޖެޓީއާ ކައިރިކުރާން އުޅުމުގެ ތެރޭގައި މި ހާދިސާ ހިނގީ. ދޯނީ ކައިރިކޮށްލުމަށް ފަހަތަށް ޖަހާފައި ދެވަނަ ފަހަރަށް ކުރިއަށް ޖަހާލާފައި މަޑުމަޑުން ދުއްވާލި ވަގުތު އިންޖީނު ހުއްޓުނީ. އެދިޔަ ގޮތަށް ގޮސް ތޮށިގަނޑުގައި ޖެހުނީ. ދެން އެވަގުތު ފެރީތެރޭގައި ކޮޅަށް ތެދުވެ ތިބި ބައެއް ބޭފުޅުން އެއްބޭފުޅެއްގެ ގައިމައްޗަށް އަނެއްބޭފުޅަކު ވެއްޓި، ފަސް ވަރަކަށް ބޭފުޅުންނަށް ކުދިކުދި އަނިޔާތައް ލިބިފައި ވަނީ،" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ، ވިދާޅުވީ، ތޮށިގަނޑުގައި ޖެހުނު ނަމަވެސް އެ ފެރީއަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އަނިޔާވި މީހުން ވަނީ ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވިފައި ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހްމަދު ޝާކިރު މިރޭ ސަންއަށް ވިދާޅުވީ، ހުޅުމާލޭ ފެރީ އެކްސިޑެންޓްގައި އަނިޔާވި ހަ މީހަކު މިރޭ 7:10 ކަންހާއިރު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދީފައިވާ ކަމަށާއި އޭގެ ތެރެއިން ބޮޑު އަނިޔާއެއް ލިބިފައިވަނީ އެންމެ މީހަކަށް ކަމަށެވެ.
"ހަ މީހުންގެ ތެރެއިން 19 އަހަރުގެ އަންހެނެއްގެ ކަނާތުފައިގައި ވަނީ ރެނދުލާފައި. ިމިހާރު މި ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ އޭނާ އައިޖީއެމްއެޗްގައި ސާޖަރީހެދުމަށް ރިފަރކޮށްފައި،" ޝާކިރު ވިދާޅުވިއެވެ.
ޝާކިރު ވިދާޅުވީ، ފެރީ އެކްސިޑެއްންޓްގައި އަނިޔާ ލިބުނު އަނެއް ފަސް މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފައި ކަމަށެވެ.
" ދެން ތިބި މީހުންގެ ވެސް އަތްފައިގައި މަށައިގެން ގޮސްފައި ހުރި ތަންތަނުގައި ބޭސްއެޅުމުގެ މަސައްކަތް ކުރިއަށް ދަނީ. އެ ފަސްމީހުންނަށް ވަރަށް ކުދިކުދި އަނިޔާތަކެއް ލިބިފައި ވަނީ،" ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު ވިދާޅުވިއެވެ.