އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ބާރުވެރި ކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ގޮވާލައި މާދަމާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މާލޭގައި ބާއްވަން އިންތިޒާމުކޮށްފައިވާ އެއްވުމުގައި މަގުމައްޗަށް ނުނުުމެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

މާދަމާގެ އެއްވުމާ ގުޅޭގޮތުން ފުލުހުން ބުނީ، އެއްވުން ކުރިޔަށްދާއިރު ރަށުތެރޭގެ ރައްކާތެރިކަން ގާއިމުކޮށް ސަލާމަތާއި ރައްކާތެރިކަން އެންމެނަށް ކަށަވަރުވެފައި އޮތުމުގެ މުހިއްމު ކަމާބެހޭގޮތުން އެޕާޓީއާ ފުލުހުން ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސުލްލަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދީ، ގާނޫނު ތަކާއި ގަވާއިދުތަކާ އެއްގޮތަށް އެއްވުން ކުރިޔަށް ގެންދާ ނަމަ، ފުލުހުންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

ނަމަވެސް އެއްވުން ކުރިއަށް ގެންދިއުމުގައި ހުއްދަ ދެވިފައިވާ ސަރަހައްދު ފިޔަވައި މަގުތަކަށް ނުކުމެ ހިނގާލުމެއްގެ ގޮތުގައި އެއްވުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެވެން ނޯންނާނެކަން މިހާރު އެމްޑީޕީއަށް އަންގާފައި ވާނެ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެއީ މީގެކުރިން ކުރިއަށް ގެންގޮސްފައިވާ އެއްވުންތަކުގައި ހިނގާފައިވާ، އާއްމުންގެ މުދަލަށް ގެއްލުންދިނުންމާއި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންނަށް ހަމަލާ ދިނުންފަދަ ނޭދެވޭ ކަންތައްތަކުގެ ސަބަބުންނާއި، އާންމު ހިދުމަތްތައް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށާއި މާލޭގައި ހިންގަމުންދާ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ބޮޑެތި ސަރަހައްދުތަކެއް ބަންދުކޮށްފައިވުމާއި، ހުކުރު ދުވަހަކީ ކުޑަ ކުދިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަޖައްސާލުމަށް މާލޭގެ އެކި ސަރަހައްދުތަކަށް ނުކުންނަ ދުވަހަށްވުމާއި، އެއްވުމާއި ގުޅިގެން ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެންގި އެންގުމެއް ކަމަށެވެ.

އޭގެ އިތުރުން އެއްވުމުގައި އަޑުގަދަކުރާ ބޭނުންކުރާނަމަ ނަމާދު ވަގުތަށް މެދުކަނޑާލުމާއި ދަންވަރު 00:00 ގެ ފަހުން ސައުންޑް ބޭނުންކޮށްގެން އަޑުގަދަކުރަން ފުރުސަތު ނުދޭނެ ކަމަށާއި، އެއްވުން ކުރިޔަށްދާއިރު ހަތަރު ފުރޮޅުލީ ވެހިކަލެއް ބޭނުން ނުކުރެވޭނެކަން އެމްޑީޕީއަށް ވަނީ އަންގާފައެވެ.

ފުލުހުން ވަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ "މިންޖުވާން" މުޒާހަރާގައިވެސް މަގުމަތީގައި އެއްވުން ކުރިއަށް ގެންދިއުން މަނާކޮށްފައެވެ. އެހެންކަމުން އެފަހަރުގެ އެއްވުން ކުރިއަށް ގެންދިޔައީ އާޓިފިޝަލް ބީޗުގައެވެ. މާދަމާގެ އެއްވުންވެސް ކުރިއަށް ގެންދެވޭނީ އާޓިފިޝަލް ބީޗުގައެވެ.