އައްޑޫ ކެނަރީފް ރިސޯޓް މޯލްޑިވްސް ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅުނު ޗައިނާގެ ފިރިހެން ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ އެވެ.

މިއަދު ހަވީރު ހިނގި އެ ހާދިސާގައި މަރުވި މީހާގެ ހަށިގަނޑު މިހާރު އޮތީ އައްޑޫ ސިޓީ ހުޅުމީދޫ ސިއްހީ މަރުކަޒުގައެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، ފަތުރުވެރިޔާ މަރުކަޒަށް ގެންދިޔައީ އިރު އޮއްސެއް އުޅެނިކޮށް ކަމަށާއި، އޭރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

އަދި މިރޭ ދަންވަރުގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު މާލެ ފޮނުވާލުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަތުރުވެރިޔާ ޗުއްޓީ ހޭދަކޮށްލުމަށް އައިސްފައި ވަނީ އާއިލާ އާވެސް އެކުގައެވެ. އަދި އޭނާ ގެނބިފައި އޮއްވާ ފެނުނީ އޭނާގެ ދަރިފުޅަށް ކަމަށްވެސް، މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ހުޅުމީދޫ ސިއްހީ މަރުކަޒުން ބުނެ އެވެ.