ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ފަރާތްތަކަށް އިންޑިއާގައި އެމް.ބީ.ބީ.އެސްއަށް ކިޔެވުމުގެ 4 ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުއްވާލައިފި އެވެ.

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން، އައިޓެކް އައިޖީއެމްއެޗް ސްކީމްގެ ނަމުގައި ހުޅުވާލި ސްކޮލާޝިޕް ފުރުސަތުގައި ދެކޮޅު ޓިކެޓް ފިޔަވައި އެހެން ހުރިހާ ހަރަދެއް އައިޓެކް އިން ހަމަޖައްސައިދޭނެ ކަމަށް ހަޔަރ އެޑިއުކޭޝަންގެ އިއުލާނުގައިވެ އެވެ.

ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކުގެ ދެކޮޅު ޓިކެޓް ހަމަޖައްސައިދިނުމަށް ހަމަޖެހިފައި ވަނީ ދިވެހި ސަރުކާރުންނެވެ.

ބެޗްލާސް ޑިގްރީ ފެންވަރުގެ މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 11 ވަނަ ދުވަހުގެ 13:30އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ފޯމު ހުށަހަޅާނީ ވެލާނާގޭގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރަށެވެ. އަދި ކޯހަށްއެދޭ ފޯމް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 14:00 އަށް ހަމަ އެ ކައުންޓަރުން ލިބެން ހުންނާނެ އެވެ.

ކޯހާއިބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަންފޯމް އެޑިޕާޓްމަންޓްގެވެބްސައިޓުން ލިބެން ހުންނާނެ އެވެ.