04 Feb 2016, 20:00
ލަންކާގެ 68 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ތަމަޅަ ބަހުން އެގައުމުގެ ގައުމީ ސަލާމް ކިޔައިފި އެވެ.
މިއީ ފާއިތުވި 67 އަހަރު ތެރޭގައި މިނިވަން ދުވަހުގެ ޖަލްސާގައި ތަމަޅަ ބަހުން ގައުމީ ސަލާމް ކީ ފުރަތަމަ ފަހަރެވެ. 1949 ވަނަ އަަހަރު އިނގިރޭސީންގެ އަތުން ލަންކާއަށް މިނިވަންކަން ލިބުނު ފަހުން މިނިވަން ދުވަހުގެ ޖަލްސާތަކާ ރަސްމިއްޔާތު ތަކުގައި ގައުމީ ސަލާމް ކިޔަނީ ސިންހަޅަ ބަހުންނެވެ.
ނަމަވެސް އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމީ ޖަލްސާގައި އެގައުމުގެ ސްކޫލް ކުދިން ވަނީ ސިންހަޅަ ބަހުންނާ ތަމަޅަ ބަހުންވެސް ގައުމީ ސަލާމް ކިޔާފަ އެވެ.
ސްރީލަންކާގެ ގައުމީ ސަލާމަކީ ސިންގަޅަ ބަހުން އޮންނަ ލަވައެކެވެ. އެހެން ނަމަވެސް، އެ ލަވައިގެ ތަމަޅަ ވަރޝަންއެއް ވެސް އޮވެ އެވެ. ދެ ބަހުން ވެސް ގައުމީ ސަލާން ކިޔެމުން އައި ނަމަވެސް، 2010 ވަނަ އަހަރު ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ވަނީ، ގައުމީ ސަލާމުގެ ތަމަޅަ ލަވަ ބޭނުންކުރުން ނުރަސްމީކޮށް މަނާކޮށްފަ އެވެ.
ނަމަވެސް ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު ވަނީ، ރާޖަޕަކްސަ ނުރަސްމީކޮށް މަނާ ކުރެއްވި، ގައުމީ ސަލާމުގެ ތަމަޅަ ލަވަ ބޭނުންކުރުމުގެ ހުއްދަ ދެއްވައިފަ އެވެ. ގައުމީ ސަލާމުގެ ތަމަޅަ ލަވައަކީ، ތަމަޅަ މީހުން ގިނައިން ދިރިއުޅޭ ސަރަހައްދުތަކުގަ އާއި، ތަމަޅަ މީޑިއަމަށް ކިޔަވައިދޭ ސްކޫލުތަކުގައި މިހާރު ވެސް ބޭނުން ކުރެވެމުން ދާ ލަވައެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ ތަގުރީރުގައި ވަނީ ހަމަނުޖެހުންތައް ހުއްޓާލައި އެންމެން އެއްބައިވުމަށް ގޮވާލައްވާފަ އެވެ.
އަދި ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަންނަ ގައުމެއްގެ ގޮތުގައި ލަންކާ ދެމި އޮތުމަށްޓަކައި، އެގައުމުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ތަހްގީގު ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ސިރިސޭނާ އަންނަނީ ތަމަޅައިންގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ސްރީ ލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ތަމަޅައިންގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ތަމަޅައިންގެ ތާއީދު އަނބުރާ ހޯދުމަށްޓަކައި ލަންކާ ސަރުކާރުން މިހާރު ވަނީ، އެގައުމުގެ ޓެރަރިޒަމް މަނާކުރާ ގާނޫނު އިސްލާހުކުރުމަށް ނިންމައިފައެވެ. އެގޮތުން އެ ގާނޫނުގެ ދަށުން އެގައުމުގެ ކުރީގެ ސަރުކާރުން، ގިނަ އަދަދެއްގެ ތަމަޅައިން ހައްޔަރުކޮށްފައިވާ ގާނޫނުގެ ބައިތައް ބަދަލުކޮށް އާ ގާނޫނެއް އެކުލަވައިލާނޭކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.