04 Feb 2016, 18:12
ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ކީމޯތެރަޕީ ދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކީމޯތެރަފީ ސުއިޓެއް ހުޅުވައިފިއެވެ.
އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ ކީމޯތެރަޕީ ސުއިޓް އިފްތިތާހުކޮށްދެއްވީ މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

އައިޖީއެމްއެޗްގެ ކީމޯތެރަޕީ ސުއިޓް ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: މުހައްމަދު އަފްރާހު
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ކެންސަރު ބަލީ ޖެހޭ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުން އަންނަ ކަމަށެވެ. އަދި ކީމޯތެރަޕީ ސުއިޓުގެ ހިދުމަތަކީ ރާއްޖޭގައި ވަރަށް މުހިއްމު ހިދުމަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"....މި ފަރުވާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ އާއިލާތަކަށް ހަރަދާއި އަދި ވަގުތާ އަދި ސަރުކާރުގެ ފަރާތުންވެސް އިތުރު ތަކުލީފުތަކެއް ކުރިމަތި ވެފައިވޭ..."، މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އާސަންދައިގެ ދަށުން މިހާތަނަށް 3420 މީހުން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށެވެ. އަދި އެ ބައްޔާމެދު މީހުން ހޭލުންތެރި ކުރުވުމަކީ މި ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތަކަކީ އަދި ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާމެދު އާއްމުން ހޭލުންތެރިކަން އިތުރު ކުރުމަކީ އަޅުގަނޑުމެން ހަމަ އެންމެ އިސްކަމެއް ދޭ އަދި މި ސަރުކާރުގައި ރައީސް ވެސް މިއަދު ފާހަގަ ކުރައްވާފައިވާ ފަދައިން އަސާސީ ސިއްހީ ހިދުމަތްތަކެއް ދިނުމުގައި އެންމެ އިސްކަމެއް ދެވިފައިވާ ކަންތައް މިހާރު"، މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ ބައިލެޓަރަލް އެގްރީމަންޓުގެ ދަށުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ކެންސަރު ބައްޔަށް ފަރުވާދިނުމަށް ތަމްރީނު ކުރުމަށް މަޝްވަރާތަކެއް ކުރިއަށް ދާ ކަަމަށެވެ. އަދި އިންޑިއާގެ ރީޖަނަލް ކެންސަރު ސެންޓަރުގެ ޑޮކްޓަރުން ވަރަށް އަވަހަށް އައިޖީއެމްއެޗްގެ ކީމޯތެރަޕީ ސުއިޓުގައި ހިދުމަތް ދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ކީމޯތެރަޕީ ސުއިޓު ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: މުހައްމަދު އަފްރާހު
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު ފަރްހަތު ޝަހީރު ވިދާޅުވީ، މިއަދު އިފްތިތާހު ކުރެވުނު ކީމޯތެރަޕީ ސުއިޓަކީ އައިޖީއެމްއެޗްގެ ހިދުމަތްތައް އިތުރަށް ތަރައްގީ ކޮށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއަށް އިތުރު ކުރެވުނު ބޮޅެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދާ ގިނަ ފަރާތްތަކަށް މިހާރުވެސް އެ ހޮސްޕިޓަލުން ހިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ރީޕްރޮޑަކްޓިވް ހެލްތު ސެންޓަރުން އަހަރެއްގެ ތެރޭގައި 250 ހާ މީހުން ރަހިމުގެ ކެންސަރަށް ސްކްރީން ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު އައިޖީއެމްއެޗުގައި ގާއިމު ކުރެވުނު ކީމޯތެރަޕީ ސުއިޓަކީ ދެ މީހުންގެ ޖާގައިގެ ކީމޯ ތެރަޕީ ސުއިޓެކެވެ.