04 Feb 2016, 17:19
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހުންނަކީ، ރާއިދު އަހްމަދާއި ޚާލިދު ނަފީއު އާއި ފިރާޒު ޖައުފަރު ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ތިން މީހުންގެ ތެރެއިން ރާއިދުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރަން އުޅުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ) ގެ ދަށުންނެވެ.
އެ މާއްދާގައި ބުނެފައި ވަނީ ތޫނުއެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މަރަން އުޅުމަކީ ނުވަތަ މަރަން އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި އެކަމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.
ޚާލިދު ނަފީއު އާއި ފިރާޒު ޖައުފަރުގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު ވަނަ މީހާ ކަމުގައިވާ ރ. އިނގުރައިދޫ، ކަރަންކާގޭ އުމުރުން 23 އަހަރުގެ ޝަފްރާޒު އިބްރާހީމް ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފައެވެ. ނަމަވެސް އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ތިން މީހުންގެ މައްސަލަ ވެސް ކޯޓަށް ފޮނުވާފައި ވަނީ މިއަދު އެވެ.
މަހުފޫޒުގެ ބޮލުގެ އަރިމައްޗަށް ވަޅި ހެރުމުގެ ސަބަބުން ލިބުނު ސީރިއަސް ޒަޚަމްތަކަށް އައިޖީއެމްއެޗާއި ސްރީލަންކާގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު މަހުފޫޒުގެ ބޮލުގެ އަރިމައްޗަށް ހެރި ވަޅި ވަނީ ދެ އިންޗި ފުންމިނަށް ވަދެފައެވެ. އެވަޅި ނަގާފައިވަނީ ތިން ގަޑިއިރުގެ އޮޕަރޭޝަނަކުންނެވެ.