04 Feb 2016, 18:20
ޓްރިޕޮލީ (ފެބްރުއަރީ 4) :އިރާގާއި ސޫރިޔާގައި އައިއެސް ޖަމާއަތް ބަލިކަށިވަމުން ދިޔުމާ ގުޅިގެން އެޖަމާއަތުގެ ލީޑަރުން ފިލަފިލައިގެން ލީބިޔާއަށް އަންނަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.
ޖާސޫސީ ކަންތައްތަކާބެހޭ ލީބިޔާގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ، ލީބިޔާގައި އަލްގާއިދާގެ ކޮންޓްރޯލް އޮންނަ އެންމެ ބޮޑު ސިޓީކަމަށްވާ ސިރްތުން އައިއެސް ޖަމާއަތުގެ އެތަށް ކޮމާންޑަރުންނާއި ލީޑަރުން މިހާރަކަށްއައިސް ފެންނަމުންދާކަމަށާއި މިބައިމީހުންނަކީ ކުރިން އިރާގާއި ސޫރިޔާގައި ހާލި ހަދައިގެން އުޅުނު ބައެއްކަމުގައެވެ. އެމީހުން ލީބިޔާއަށް އަންނަނީ އެމީހުންގެ އަނބި ދަރިންނާއެކުގައި ކަމަށްވެސް ލީބިޔާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
އިރާގާއި ސޫރިޔާގައި އައިއެސްގެ މަރުކަޒުތައް ފުނޑުފުނޑުވެ އެޖަމާއަތުގެ ގިނަ އަދަދެއްގެ ލީޑަރުންނާއި ކޮމާންޑަރުން މަރުވީ ފާއިތުވި އަހަރުގެ ފަހުކޮޅުގައެވެ.
އިރާގުގައިވާ އައިއެސްގެ މަރުކަޒުތައް ފުނޑުފުނޑުކޮށްލުމުގައި އެމެރިކާ އެންމެފަހުން ދެމުން ގެންދާ ވައިގެ ހަމަލާތައް މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ. މިގޮތުން އިރާގުގައިވާ އައިއެސްގެ ބަންކަރުތަކާއި ފައިސާ ރައްކާކުރާ ބޭންކްތަކާއި ތެލުގެ މަރުކަޒުތައް ފާއިތުވި ދެތިން މަސްދުވަހުގެ ތެރޭގައި އެމެރިކާ ދިން ވައިގެ ޙަމަލާތަކުގައި ވަރަށް ބޮޑަށް ހަލާކުކޮށް ފުނޑުފުނޑުކޮށްލެވިފައި ވާކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ.
މީގެއިތުރުން އިރާގު ސިފައިން މިދިޔަ ޑިސެމްބަރު މަހު ހިންގި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއްގައި އައިއެސްގެ މައި މަރުކަޒެއްގެ ގޮތުގައި އޮތް އިރާގު ރަމާދީ ސިޓީވެސް ވަނީ އެޖަމާއަތުގެ ވަކިތަކުން މިނިވަންކޮށްފައެވެ.
އިރާގުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ގިނަ ކޮމާންޑަރުންނާއި ލީޑަރުންނަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ޖުމްހޫރީ ލަޝްކަރުތަކަށް ނިސްބަތްވާ ފަރާތްތަކާއި ސައްދާމުގެ ބަޢްޘު ޕާޓީގެ ވެރިންނެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސްގެ ގިނަ މެންބަރުންނަކީ ދުނިޔޭގެ އެކި ގައުމުތަކުން ޖިހާދުގެ ނަމުގައި ސޫރިޔާއަށް ހިޖްރަކުރާ ހަރުކަށި ފަރާތްތަކާއި ސޫރިޔާގެ އިދިކޮޅު ބައެއް ފަރާތްތަކެވެ.
ލީބިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ގިނަ މެންބަރުންނަކީ ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލްގައްޒާފީގެ ވެރިކަން ވެއްޓުމުގެ ސަބަބުން ގެއްލުންތައްލިބިފައިވާ ފަރާތްތަކެވެ. މިފަރާތްތަކުގެ އިތުރުން އައިއެސްގައި ހިމެނެނީ ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށް ނެރެގެން އުޅޭ ހައްދުފަހަނަޅާފައިވާ ފަރާތްތަކެވެ. މިފަރާތްތަކަށް ސިއްރިޔާތުގައި ފައިސާ ފޯރުކޮށްދިނުން ފަދަ ކަންކަން ކޮށްދޭ ކަމަށް ތުހުމަތު ކުރެވެނީ ގަލްފުގެ އަރަބި ގައުމުތަކަށާއި ތުރުކީގެ މައްޗަށެވެ. އެގައުމުތައް ރަސްމީ ސިފައެއްގައި އައިއެސްއާ އިދިކޮޅު ނަމަވެސް އައިއެސް މެދުވެރިކޮށް އެގައުމުތަކުގެ ސިޔާސީ މަގްސަދްތައް ހާސިލް ކުރެވޭތީ ސިއްރިޔާތުގައި އައިއެސްއަށް އެހީތެރިވާކަމުގެ ތުހުމަތު ގަލްފުގެ އަރަބި ގައުމުތަކަށާއި ތުރުކީގެ މައްޗަށް ކުރެވިފައިވެއެވެ.
ހަމައެދައިން އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައި ވަގުތުތައް ނަގާލުމާއި އެޖަމާއަތަށް ސިއްރިޔާތުގައި ހަތިޔާރުދީގެން އިރާގާއި ސޫރިޔާގައި ސިޔާސީ މަގްސަދްތައް ހާސިލް ކުރުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވެސް ކުރިން ކުރެވިފައިވެއެވެ. ނަމަވެސް މިހާރު އައިއެސްގެ ނުރައްކާ ހުޅަނގަށް ބޮޑުވުމުން ހަނގުރާމަ ކުރުމުގައި އެމެރިކާ ކުރިޔަށްވުރެ ސީރިޔަސްކަމަށް ވެއެވެ.
ސޫރިޔާގައި އައިއެސް ޖަމާއަތް ބަލިވާންފެށީ ރަޝިޔާއިން ސޫރިޔާއަށް ވައިގެ ހަމަލާތައް ދޭން ފެށުމާގުޅިގެންނެވެ. ރަޝިޔާގެ ހަމަލާތަކާއެކު އައިއެސްގެ އަތްދަށުގައިވާ ގިނަ ބިންތަކަކުން އެޖަމާއަތް ފައްސާލެވި އެބިންތައް މިނިވަން ކުރެވިފައިވެއެވެ. މިއާއެކު އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިންވަނީ އިރާގާއި ސޫރިޔާގައިވާ އައިއެސްގެ ބިންތަކުގެ 30 އިންސައްތަ މިދިޔަ އަހަރުގެ ފަހު 6 މަސްތެރޭގައި އެޖަމާއަތަށް ގެއްލިފައިވާކަން ބަޔާންކޮށް ރިޕޯޓެއް ނެރެފައެވެ.
އަނެއްކޮޅުން އެމެރިކާގެ ޑްރޯން މަތިންދާބޯޓަކުން ދިން ވައިގެ ޙަމަލާތަކެއްގައި، ޔަމަންގައި ހުންނަ އައިއެސްގެ އިސް ލީޑަރު އަބޫހަމްޒާ އައްޒެންޖިބާރީ މަރުވި ޚަބަރު މިއަދުވަނީ ލިބިފައެވެ. މިހަމަލާގައި ޒެންޖިބާރީ މަރުވިކަމަށްވަނީ ޔަމަންގެ އަބްޔަން ސިޓީ ގައެވެ.
ރަޝިޔާ ދާދިފަހުން ބުނެފައިވަނީ އައިއެސް ޖަމާއަތް އިރާގާއި ސޫރިޔާގައި ބަލިވާން ދެން މާގިނަ ދުވަސްތަކެއް ނުނަގާނެކަމަށާއި ނަމަވެސް ލީބިޔާގައި އެޖަމާއަތް ބާރުގަދަ ކުރަމުން ގެންދާކަމުގައެވެ. ސޫރިޔާގައި އައިއެސް ބާރުގަދަވި އެންމެ ބޮޑު ސަބަބަކީ އައިއެސް ގުޅުމަށް އަންނަ ބޭރުގެ ހަނގުރާމަވެރިން ސޫރިޔާއަށް ވަނުމުގެ ފުރްސަތު ތުރުކީ ސަރުކާރުން ދިނުންކަމަށްވެއެވެ.
ލީބިޔާގައި އައިއެސް ބާރުގަދަކުރަނީ އެގައުމުގެ ސިޔާސީ ވާދަވެރިންގެ މެދުގައި ހިނގާ ކޯޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ.
އައިއެސް އަކީ މުސްލިމުންގެ ދީނަށާއި އިސްލާމީ އުންމަތުގެ ވުޖޫދަށް އާދަޔާ ޚިލާފަށް ނުރައްކާތެރި ޖަމާޢަތެއްކަމުގެ ފަތުވާ އިސްލާމީދަންނަބޭކަލުންގެ ބައިނަލްއަގްވާމީ ޖަމްއިއްޔާއިންވަނީ ނެރެފައެވެ.
އައިއެސްއަކީ މުސްލިމުންގެ އަސީރުން ކަތިލައި މުސްލިމް އަސީރުން ދިރިތިއްބައި އަލިފާނަށް ލައިގެން އެންދުމުގެ އިތުރުން މިސްކިތްތަކުގައި ބޮންގޮއްވައި ނަމާދުކޮށް މާތް ﷲ އަށް އަޅުކަން ކުރާމީހުންނަށް ބޮމުގެ ޙަމަލާދީ އަޅުވެރިން މަރައި ބިންމަތީގައި ފަސާދަކުރަންއުޅޭ ނުރައްކާތެރި ފާސިގުންގެ ޖަމާއަތެއްކަމަށް އިސްލާމީދަންނަބޭކަލުންގެ ފަތުވާގައިވަނީ ފާހަގަ ކުރައްވާފައެވެ. (ނޫސްއެޖެންސީތައް)