04 Feb 2016, 16:24
ކޮރަޕްޝަނާ ދެކޮޅަށް އެކިއެކި ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތާ އެއްކޮޅަށް ތެދުވެ، ކޮރަޕްޝަން ނައްތާލުމުގައި އެހީވުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
އެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮރަޕްޝަނާ ދެކޮޅަށް ތެދުވުމުގެ ގޮތުން ބައެއް ސިޔާސީ ޕާޓީތަކުން އިސްނަގައިގެން ބާއްވާ އެއްވުމަށް އެ ޖަމިއްޔާ އިން މަރުހަބާ ކިޔާ ކަމަށެވެ. އަދި ކޮރަޕްޝަންގެ ސަބަބުން ދިވެހި ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމުގެ މަސައްކަތް މިއަހަރު ކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމަށް ވެސް އެ ޖަމިއްޔާއިން މަރުހަބާ ކިޔާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ސިޔާސީ ޕާޓީތަކާއި ދައުލަތުގެ ގިނަ މުއައްސަސާތަކަށް ގިނަ ރައްޔިތުންގެ އިތުބާރު ގެއްލިފައި ވާކަން އެ ޖަމިއްޔާ އިން 2015 ވަނަ އަހަރު ކޮށްފައިވާ ޑިމޮކްރަސީ ސާވޭ އިން ދައްކާ ކަމަށެވެ.
"ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ސިޔާސީ ތަމްސީލުވުން ލިބެނީ ޕާޓީތައް މެދުވެރިވެގެން ކަމުގައިވާ އިރު، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ހޯދުމަށް ޕާޓީތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ،" އެ ބަޔާނުގައިވެ އެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުމުގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާކޮށް ސިޔާސީ ފައިސާގެ ހާމަކަން ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ހާމަކުރުމަށް ޕާޓީތަކުން ބާރުއަޅަން ޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން އިދިކޮޅު ސިޔާސީ ފަރާތްތަކާއި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލުމަކީ ކުރު މުއްދަތެއްގެ ސިޔާސީ މަންފާއަށް ކުރެވޭ މަސައްކަތެއްކަމުގައި ނުވެ، ރައްޔިތުންނާއި ގައުމުގެ މަންފާއަށްޓަކައި ނަޒާހަތްތެރިކަން ދިރުވަން ކުރެވޭ މަސައްކަތަކަށްވުން މުހިންމު ކަމަށް ވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައިވެ އެވެ.