04 Feb 2016, 15:33
ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަން މަޖުބޫރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުލް ޤައްޔޫމު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން ރައީސް ވިދާޅުވީ ތަސައްވުރު ރަނގަޅު ކުރުމަށް ފައިސާ އާއި ވަގުތު ހޭދަކުރަން މަޖުބޫރުވެފައި ވަނީ ރާއްޖޭގެ ނަން ކިލަނބުކުރަން ބަޔަކު މަސައްކަތްކުރާތީ ކަމަށެވެ.
"...ރާއްޖޭގެ ނަން ކިލަނބުކޮށް، ރާއްޖެއަށް ދަތިކުރުމަށް އެކިފަރާތްތަކުން މަސައްކަތް ކުރަމުންގެންދާތީ، ކަންކަމުގެ ޙަގީގަތް ސާފުކޮށްދީ، ބޭރު ދުނިޔޭގައި ރާއްޖޭގެ ތަޞައްވުރު ރަނގަޅު ކުރުމަށް ޓަކައި ގިނަ އަދަދެއްގެ ފައިސާއާއި ވަގުތު ހޭދަކުރަން ސަރުކާރަށްވަނީ މަޖުބޫރުވެފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންދީ އިނދަޖައްސައިލުމަށް ކުރާ މަސައްކަތުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުނުކުރާ ކަމަށް ދެންނެވެން ނެތް ކަމަށެވެ.
ފަތުވެރިކަމަށް ގެއްލުން ދިނުމަށް ގާނޫނެއް ފާސްކޮށްފައިވާކަމާއި އެ ގާނޫނު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"...ފަތުރުވެރިކަން ކުރިއަރުވައި މި ޞިނާޢަތު ތަރައްގީ ކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާ އިރު، ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންދީ، ފަތުރުވެރިކަން އިނދަޖައްސައިލުމަށް ކެނޑިނޭޅި ދިވެހިންގެ ބަޔަކު، ކުރަމުންދާ މަސައްކަތުގެ ސަބަބުން، ފަތުރުވެރިކަމަށް އަސަރުނުކުރެޔެކޭ ދެންނެވޭކަށް ނެތް. މިކަމަށް ހުއްޓުމެއް ގެނައުމުގެ ގޮތުން މިދިޔަ އަހަރު މިޢިއްޒަތްތެރި މަޖިލީހުންވަނީ ގާނޫނެއް ފާސްކޮށްދެއްވާފައި. އެހެންނަމަވެސް އެ ގާނޫނުގައި، ގާނޫނީ ގޮތުން ޙައްލުކުރަންހުރި މައްސަލަތަކެއް ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތްޕުޅުން ފާހަގަކުރައްވާފައިވާތީ، އަލުން ވިސްނާވަޑައިގަތުމަށް ޢިއްޒަތްތެރި މަޖިލީހަށް މި ބިލް ވާނީ ފޮނުވާފައި،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ ބޭއްވީ މިއަދު ހެނދުނު ދަރުބާރުގޭގަ އެވެ.