ފަތުރުވެރިކަމުގެ ދާއިރާ އިން ދުނިޔޭގައި ދެމުން އަންނަ އެންމެ ޝަރަފްވެރި އެވޯޑް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ 29 ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އިން ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް ދަނީ ގިނަ އެވޯޑްތަކެއް ލިބެމުންނެވެ. އެގޮތުން މި އަހަރު ވެސް ރާއްޖޭގެ ރިސޯޓްތަކާއި ޓްރެވަލް އެޖެންސީތަކާއި ގައުމީ އެއާޕޯޓް ވެސް ހިމެނޭ ގޮތަށް ޖުމްލަ 29 ކެޓަގަރީއަކަށް ރާއްޖެ މިވަނީ ނޮމިނޭޓްވެފަ އެވެ.

އެގޮތުން ނޮމިނޭޓްވެފައިވާ ކެޓަގަރީތަކަށް ބަލާލާ އިރު، އިންޑިއާ ކަނޑުގެ ލީޑިން ބީޗް ޑެސްޓިނޭޝަން އާއި ލީޑިން ކްރޫޒް ޑެސްޓިނޭޝަންގެ އިތުރުން އިނޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލާއި ލީޑިން ޑައިވް ޑެސްޓިނޭޝަން ފާހަގަކޮށްލެވެ އެވެ. އަދި އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ހަނީމޫން ޑެސްޓިނޭޝަންއަކަށް ވެސް ރާއްޖެ ވަނީ ނޮމިނޭޓްވެފަ އެވެ.

އޭގެ އިތުރުން އިންޑިއާ ކަނޑުގެ ލީޑިން ޓޫރިސްޓު ބޯޑަކަށް މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް ނޮމިނޭޓް ވެފައިވާ އިރު، ގައުމީ އެއާލައިން މޯލްޑިވިއަން ވެސް ވަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިން ތިން ކެޓަގަރީއަކަށް ނޮމިނޭޓްވެފަ އެވެ.

ލީޑިން ޑައިވް ރިސޯޓް، ބީޗް ރިސޯޓް، ފެމިލީ ރިސޯޓް އަދި ގްރީން ރިސޯޓް ފަދަ ކެޓަގަރީތަކުން ވެސް ރާއްޖޭގެ ރިސޯޓްތައް ނޮމިނެޓްވެފައިވާ އިރު، އިންޑިއާ ކަނޑުގެ އެންމެ ފާހަގަކޮށްލެވޭ ހުރިހާ ގޮތަކުން އެންމެ ފެންވަރު ރަނގަޅު ރިސޯޓް ފަދަ އެވޯޑްތަކަށް ވެސް ރާއްޖޭގެ ގިނަ ރިސޯޓްތަކެއް ވަނީ ނޮމިނޭޓްވެފަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މިއަހަރު ވޯލްޑް ޓްރެވަލް އެވޯޑަށް އެކި ކެޓަގަރީތަކުން 160 ގައުމެއް ވަނީ ނޮމިނޭޓްވެފަ އެވެ.