ދުނިޔޭގެ އަމަންކަމާއި ސުލްހައަށް ފާހަގަކޮށްލެވޭ މަސައްކަތް ކުރާ ފަރާތްތަކަށްދޭ ނޮބެލް ޕީސް ޕްރައިޒަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕް ނޮމިނޭޓްކޮށްފި ކަމަށް ބުނެފި އެވެ.

ނަން ހާމަކޮށްފައިނުވާ ފަރާތަކުން ޓްރަމްޕް ސުލްހައިގެ އިނާމަށް ނޮމިނޭޓު ކުރުމަށް ހުށަހެޅި ސިޓީގައިވާ ގޮތުން ޓްރަމްޕަށް އެއިނާމް ލިބެންޖެހެނީ އޭނާ ގެންގުޅޭ "ގަދަބާރުން ސުލްހަ ގެނައުމުގެ" ވިސްނުމުގެ ސަބަބުންނެވެ. އެ ވިސްނުމުގެ ސަބަބުން އޭނާ ވަނީ "ހައްދުފަހަނައަޅާފައިވާ މުސްލިމުންނާއި އައިއެސްއާއި ނިއުކްލިއާ އީރާނާއި ކޮމިއުނިސްޓު ޗައިނާ ހުއްޓުވާނެ ނުރައްކާތެރި ހަތިޔާރަކަށް" ވެފައި ކަމަށް ނޮމިނޭޓް ކުރި ފަރާތުން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް، ޓްރަމްޕަށް ސުލްހައިގެ އިނާމު ލިބުމަކީ "އެއްގޮތަކަށް ވެސް އެކަށީގެންވާ ކަމެއް ނޫން ކަމަށް"، ކޮންމެ އަހަރަކު ވެސް ނޮބެލް ޕްރައިޒް ކާމިޔާބު ކުރައްވާނެ ފަރާތެއް ލަފާކުރާ ނޯވޭގެ ޕީސް ރިސާޗް އިންސްޓިއުޓުގެ ޑިރެކްޓާ ކްރިސްޓިއަން ބާގް ވިދާޅުވި އެވެ. ސަބަބަކީ "ހަމަނުޖެހުން އުފެދޭ ގޮތަށް ކަންކަމާ ކުރިމަތިލާ" ފަރާތްތަކަކީ ޕީސް ޕްރައިޒް ލިބޭނެ ފަރާތެއް ނިންމާ ކޮމިޓީއަށް އެދެވޭ ސިފައަކަށް ނުވާނެތީ ކަމަށް ކްރިސްޓިއަން ބާގް ވިދާޅުވި އެވެ.

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޓްރަމްޕް ވަނީ މީގެ ކުރިން އެމެރިކާއަށް މުސްލިމުން ވަނުން މަނާކުރުމަށާއި ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުންގެ މުޅި އާއިލާ މަރާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ނޮބެލް ޕީސް ޕްރައިޒް ލިބޭ ފަރާތެއް އިއުލާން ކުރާނީ މިއަހަރުގެ އޮކްޓޯބަރު މަހު އެވެ. (ނޫސްއޭޖެންސީތައް)