މި އަހަރުގެ ތެރޭގައި އައިޖީއެމްއެޗުގައި ކިޑްނީ ސެންޓަރެއް ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވުމަށް ދަރުބާރުގޭގައި މިއަދު ހެނދުނު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފެންވަރު ރަނގަޅު ކެތުލެބަކާއި ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކަށް ހާއްސަ ސުޕާ ސްޕެޝަލިސްޓް ކިޑްނީ ސެންޓަރެއް ވެސް މި އަހަރުގެ ތެރޭގައި އައިޖީއެމްއެޗްގައި ގާއިމުކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓްގެ އެ ސެންޓަރުން ލިބިގެންދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އޭގެ ތެރެއިން ކެތުލެބެއް އެޅުމަށް މިހާރު ވަނީ ބަޔަކާއި ހަވާލު ވެސް ކޮށްފަ އެވެ.

"އަދި ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކަށް ހާއްސަ ސުޕަ ސްޕެޝަލިސްޓް ކިޑްނީ ސެންޓަރެއް ވެސް މިއަހަރުގެ ތެރޭގައި އައިޖީއެމްއެޗުގައި ހުޅުވިގެން ދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރިޔާސީ ބަޔާން ދެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ޔާމީން ރިޔާސީން ބަޔާން އިއްވަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ، މެލޭރިޔާ ނައްތައިލެވިފައިވާ ގައުމެއް ކަމަށް ޑަބްލިޔޫއެޗްއޯ އިން ކަނޑައަޅައި، އެކަމުގެ ލިޔުން މިދިޔަ އަހަރު ހަވާލުކުރިކަން ވަނީ ފާހަގަކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ އެއީ ސިއްހީ ގޮތުން ރާއްޖެއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ހަމައެއާ އެކު އެންސްޕާއާއި އާސަންދަ މެދުވެރިކޮށް ސުޕަ ސްޕެޝަލިސްޓުގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިދިޔަ އަހަރު ވަނީ ފޯރުކޮށްދީފައި. އޭގެތެރޭގައި 6000 ވުރެ މީހުން ވަނީ ފަރުވާ ހޯދާފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސްފިހާރަތައް ގާއިމުކޮށް، އާސަންދަ މެދުވެރިކޮށް އެ ބޭސްފިހާރަތަކުން ރައްޔިތުންނަށް ހިލޭ ބޭސް ދޫކުރަން ފެށުން އެއީ، ސިއްހީ ދާއިރާއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި އަހަރުގެ ތެރޭގައި އައިޖީއެމްއެޗުގައި ކިޑްނީ ސެންޓަރެއް ހުޅުވާނެ ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވެފައިވާއިރު ބަލިތައް ދެނެގަތުމުގެ ގޮތުން ޒަމާނީ "ގައުމީ ތަހުލީލީ" މަރުކަޒެއް އައިޖީއެމްޗު ހުސް ބިމުގައި ބިނާކުރުމަށް ވަނީ މިއަހަރުގެ ބަޖެޓުގައި ފައިސާ ވަނީ ހިމަނާފައިވެ އެވެ.