04 Feb 2016, 14:07
ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ނިހާނު ވިދާޅުވީ މި އަހަރަކީ ސަރުކާރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ އަހަރެއް ކަމަށެވެ. އޭނާ ވިދާޅުވީ ގައުމުގެ އިޖްތިމާއި އަދާލާތު ގާއިމު ކުރުމުގެ އެންމެ ފަހު މަރުހަލާ އަކީ ޝަރުއީ ނިޒާމު ކަމަށެވެ.
"އަދުލު އިންސާފު ގާއިމު ކުރުމުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތަކަށާއި އަދި އެ ފަރާތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި. މިކަން ފެށިގެން އަންނަނީ ހުަސް އެކަނި ގާނޫނަކަށް ގެނެވޭ ބަދަލަކަށް އެކަންޏެއް ނޫން. މުޅި ދިވެހިރާއްޖޭގެ ޖުޑިޝަރީ ހިންގުމަށްޓަކައި އެކަށީގެންވާ ބޮޑު ބަޖެޓެއް ވެސް އެބަ ބޭނުންވޭ،" ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ގެންނަންޖެހޭ ބައެއް ކަންތައްތައް ނޫސްވެރިންނާއި ހިއްސާ ކުރައްވާފަ އެވެ.
"މިސާލަކަށް. ޑްރަގް ކޯޓު. އެތަން އުފައްދައިގެން ވީ ފަސޭހައަކީ ކޮބައިތޯ. އަޅުގަނޑަކަށް ނޭނގޭ ސަރުކާރުގެ ސްޓޭންޑެއް މިކަމުގައި. ޑްރަގް ބޭނުން ކުރާ މީހުން މަދު ކުރުމަށް އެ ކޯޓުން ވީ އެހީތެރި ކަމަކީ ކޮބައިތޯ. ދެން އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މެޖިސްޓްރޭޓު ކޯޓުތައް ހަދައިގެން ވީ ފަސޭހަ އަކީ ކޮބައިތޯ. އެންމެ ކުޑަމިނުން ބައެއް ފަހަރު ބަންދުގެ މުއްދަތު އިތުރުކޮށް ނުލެވޭ ތަންތަން އެބަހުރި،" ނިހާނު ވިދާޅުވި އެވެ.
އެމްޑީޕީއަކީ މިނިވަން ޝަރުއީ ނިޒާމެއް ރާއްޖޭގައި އޮތުމަށް އެންމެ ގަދައަށް އަޑު އުފުލަމުން އަންނަ ޕާޓީ ކަމަށާއި އެ ޕާޓީގެ މެމްބަރުން ވެސް ސަރުކާރުން ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރުވުމަށް ނިހާނު މިއަދު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މިއަހަރަށް މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ރައީސް އަބްދުﷲ ޔާމީން ދެއްވި ރިޔާސީ ބަޔާނުގައި ވެސް ވަނީ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމަކީ އެ މަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑަށް ސަމާލުކަން ދޭ ދާއިރާ ކަމަށެވެ.