04 Feb 2016, 13:59
އެޑިއުކޭޝަން މިނިސްްޓްރީ އާއި އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން އިސްލާމް އަދި ޤުރުއާން ޓީޗަރުން ލިބުން ދަތި ރަށްތަކަށް ޓީޗަރުން އުފެއްދުމަށް ވީޑިއޯ ކޯލުގެ ޒަރިއްޔާއިން ކިޔަވައިދީ ޑިޕްލޮމާ ފެންވަރަށް ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ބްލޮކްމޯޑަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން 80 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުންޏެވެ.
ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ޓީޗާ ރިސޯސް ސެންޓަރު (ޓީއާރްސީ) ތަކުގައި ގާއިމުކުރެވިފައިވާ ވީޑިއޯ ކޮންފަރެންސިން ގެ ނިޒާމުން ގުޅާލައިގެން ކިޔަވައިދޭނެއެވެ. އެހެންކަމުން ކޯހުގެ ބައިވެރިން ކިޔެވުމަށް ދާނީ ރަށާއި އެންމެ ކައިރީގައިވާ ޓީއާރްސީއެއްގައި ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އެ ޕްރޮގްރާމް ފެށުމަށް މިއަދު އެޑިޔުކޭޝަން މިނިސްޓްރީ ގައި ބޭއްްވި ހާއްސަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ހައްވާ ލަތީފް ވިދާޅުވީ އެ ތަމްރީނު ޕްރޮގްރާމަކީ ދުރުގައި ހުރެގެން ކިޔަވާ ޕްރޮގްރާމެއް ނަމަވެސް ރަސްމީ ކެމްޕަސްތެރޭގައި ހިންގާ ޕްރޮގްރާމްތަކާއި އެއްވެސް ތަފާތެއް ނުހުންނާނެ ކަމަށެވެ.
"ކިތަންމެ ދުރުގައި ހުރި ނަމަވެސް މި ވަސީލަތް މެދުކޮށް ކިޔަވައިދެއްވާ ޓީޗަރުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމާއެކު ކިޔެވުމަށް ބޭނުންވާ މައުލޫމާތު ހޯދައި އަދި ކޯހަށް ދޭންވާ ސަމާލުކަން ދިނުމަކީ މި ޕްރޮގްރާމް ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް މުހިއްމު ކަންކަން،" ހައްވާ ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ ދަށުން ހަތަރު ކޯހެއް ކުރިއަށްދާ އިރު، އޭގެ ތެރޭގައި ހިމެނެނީ ޑިޕްލޮމާ ފެންވަރަށް އިސްލާމް އަދި ޤުރުއާން އިން އެއް އަހަރު ދުވަހުގެ ތެރޭގައި ތަމްރީނުވުމުގެ ދެ ކޯހަކާއި ދެ އަހަރު ދުވަހުގެ ތެރޭގައި ތަމްރީނުވުމުގެ ދެ ކޯސް ކަމަށް މިނިސްޓްރީން ބުންޏެވެ.