04 Feb 2016, 13:45
ރާއްޖެ ޓީވީގެ ނޫސްވެރިޔަކާ ހަޑިހުތުރުބަހުން ވާހަކަ ދެއްކި ފުލުހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޓުން ނަސޭހަތްދީފި އެވެ.
ރާއްޖެ ޓީވީގެ ޖާނަލިސްޓު މުރުޝިދު އަބްދުލް ހަކީމް ހުށަހެޅި މައްސަލަ ބެލުމަށް ފަހު، އޭނާ އަށް ފޮނުވާފައިވާ މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އާޓިފިޝަލް ބީޗް ސްޓޭޖް ފާރުމަތީގައި މުރުޝިދު އިންދައި ޕޮލިސް ކޯޕްރަލް ޝިފާން ރަޝީދު އޭނާއާ ހަޑިހުތުރުބަހުން ވާހަކަދައްކާފައިވާކަން ސާބިތުވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލާގައި އެޅި ފިޔަވަޅަކީ ޝިފާން ރަޝީދަށް ނަސޭހަތް ދިނުން ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
މުރުޝިދު ބުނީ އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނަށް އެކަމާ ގުޅޭ ބަޔާން ވެސް ވަނީ ދީފައި ކަމަށާއި ނަމަވެސް އަދި އެ ކޮމިޝަނުން މައްސަލަ ނިންމިކަން އަންގާފައިނުވާ ކަމަށް އޭނާ ބުންޏެވެ.
ރާއްޖެ ޓީވީގެ ޖާނަލިސްޓު މުހައްމަދު ވިސާމާ މެދު ފުލުހަކު މަރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ނިމުނު ކަމެއް އަދި އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.