04 Feb 2016, 13:33
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވުމުގެ ގޮތުން ރައީސް ޢަބްދުﷲ ޔާމީން ދެއްވި ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާއާ ބެހޭ ގޮތުން އަލިއަޅުވާލައްވާފައި ނުވާތީ އެފްއޭއެމްގެ ކުރީގެ ރައީސް ޢަލީ އާޒިމު ރައީސުލްޖުމްހޫރިއްޔާއަށް ފާޑުވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަމަށް ރައީސަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ގޮތަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާއިން ބާރު ލިބިގެން ހުށަހަޅާ ބަޔާނެކެވެ.
ރިޔާސީ ބަޔާނާ ގުޅޭ ގޮތުން 'ސަން'އާ ވާހަކަ ދައްކަމުން ޢާޒިމު ވިދާޅުވީ "ރާއްޖޭގެ ކުޅިވަރަށް ވުރެ ރައީސް ޔާމީންއަށް މުހިންމުވެފައި ވަނީ އެމަނިކުފާންގެ ވެރިކަން ހިމާޔަތް ކުރުން" ކަމަށެވެ.
ޢާޒިމު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއަރުވައި ދުޅަ ހެޔޮ ޖީލެއް ބިނާ ކުރަން ރައީސް ޔާމިން ބޭނުން ނުވަނީވެސް އެމަނިކުފާންގެ ވެރިކަމަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވެދާނެ ތީކަމަށެވެ.
ކުޅިވަރުތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބެންޖެހޭނީ ހަމައެކަނި ކާމިޔާބެއް ހޯދުމަށް ނޫން ކަމަށާއި އެއީ ދުޅަ ހެޔޮ ޖީލެއް ބިނާ ކުރުމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.
އާޒިމު އެ އިޝާރާތް ކުރެއްވީ މިއަންނަ ހުކުރު ދުވަހު އިންޑިއާގައި ފަށާ ދެކުނު އޭޝިއާގެ ސަރަހައްދީ ކުޅިވަރު މުބާރާތައް ބައެއް ކުޅިވަރުތަކަށް ސަރުކާރުގެ ޚަރަދުގައި ނުފޮނުވުމަށް ނިންމުމުން ރާއްޖޭގެ ބައެއް ޓީމުތަކަށް ގޭމްސްގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުމުންނެވެ.