ދައުލަތުގެ މުދަލާއި ފައިސާ އަށް ހިޔާނަތްތެރިވެފައިވާ ފަރާތްތަކުން ދައުލަތަށް ލިބެންވާ ފައިސާތައް ހޯދުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ބަންޑާރަ ނައިބު ފައްޓަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވުމަށް މިއަދު ދަރުބާރުގޭގައި ހެނދުނު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އޮޑިޓާ ޖެނެރަލްގެ އޮފީހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުލަތުގެ ފައިސާތަކަށް ހިޔާނާތްތެރިވެފައިވާ ފަރާތްތަކާ ގުޅިގެން ނެރެފައިވާ ރިޕޯޓުތައް ބެލުމަށް ފަހު ކުށްވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

"ދައުލަތުގެ މުދަލާއި ފައިސާއާ ގުޅިގެން ކޮރަޕްޝަނުގެ އަމަލު ހިންގާފައިވާ ފަރާތްތަކާ ގުޅޭ ގޮތުން ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓުތަކުގެ އަލީގައި އެފަދަ ފަރާތްތަކުން [ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވެފައިވާ ފަރާތްތަކުން] ކޮށްފައިވާ އަމަލުތަކާއި ގުޅިގެން ދައުލަތަށް ލިބެންވާ ފައިސާ މި އަހަރު ބަންޑާރަ ނައިބު ފައްޓަވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އެ ފައިސާތައް ހޯދުމުގެ މަސައްކަތް ދައުލަތުން ކުރާނެ ކަމަށް ރިޔާސީ އިއްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވި އިރު ސަރުކާރުން ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން އެމްއެމްޕީއާރްސީ ހިންގާފައިވާ ގޮތުގެ ހާއްސަ އޮޑިޓެއް ހެދުމަށް މިދިޔަ އަހަރު ތެރޭގައި އޮޑިޓް އޮފީހަށް ވަނީ އަންގަވައިފަ އެވެ. ހަމަ އެއާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަންނަނީ އެމްއެމްޕީއާރްސީން ފަތުރުވެރިކަމަށް ރަށްތައް ދޫކުރި މައްސަލަ ތަހުގީގު ކުރަމުންނެވެ. އޮޑިޓް އޮފީހުން ބުނަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ފަހުގެ ތާރީހެއްގައި ހިންގާފައިވާ އެންމެ ބޮޑު ކަރަޕްޝަންގެ މައްސަލަ އަށް ވާނެ ކަމަށާއި އެއީ ކޮރަޕްޝަންގެ ރެކޯޑް އަދަދަކަށްވާނެ ކަމަށެވެ.