04 Feb 2016, 12:23
ބޮލީވުޑްގެ މަޝްހޫރު ސުޕާސްޓާ އަމީތާބު ބައްޗަން އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައީ އިއްޔެގެ ވަގުތެއްގަ އެވެ. އަމީތާބު އާއެކު އަންހުނުން ޖާޔާ ބައްޗަން އާއި ދަރިފުޅު އަބީޝޭކް ގެ އިތުރުން ދަނބިދަރި އައިޝްވަރިޔާ އާއި ކާފަ ދަރި އަރާދިޔާވެސް ރާއްޖެ އައިސްފައިވެއެވެ.
ރާއްޖެ އައުމަށްފަހު އިއްޔެގެ ހަވީރުގެ ވަގުތެއްގައި އަމީތާބު އާއި އޭނާގެ އާއިލާ ވަނީ ކ. އަތޮޅުގައި އޮންނަ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓަށް ގޮސްފަ އެވެ.
ރިސޯޓަށް ދިޔަ ތާ މާ ގިނަ އިރުތަކެއް ނުވަނީސް ނަގާފައިވާ ފޮޓޯއެއް އަމީތާބު ވަނީ ރޭގެ ވަގުތެއްގައި ޓުވީޓު ކޮށްފަ އެވެ. އެ ފޮޓޯ އަމީތާބު ވަނީ އޭނާގެ ޓަމްބްލާ އެކައުންޓުގައި ވެސް ޕޯސްޓުކޮށްފަ އެވެ.
ބަލާލަން ރީތި ހިތްގައިމު ފޮޓޯއެކެވެ. ރާއްޖޭގެ އިރުއޮއްސޭ މަންޒަރު ދައްކުވައިދޭ ވަރަށް ފުރިހަމަ ފޮޓޯއެކެވެ.
ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ފޮޓޯއާއެކު، އަމީތާބު ވަނީ އިންޑިއާގެ ސިޓީއެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް ވެސް ޓުވިޓާ އާއި ޓަމްބްލާގައި ޕޯސްޓު ކޮށްފަ އެވެ. ބެލެވޭ ގޮތުގައި އެއީ ރާއްޖެއައި މަގުމަތީގައި މަތިންދާ ބޯޓުގައި ނަގާފައިވާ ފޮޓޯ އެކެވެ. އެ ފޮޓޯގައި ދައްކުވައި ދެނީ އިންޑިއާގެ ވައި ނުސާފު ޖައްވެވެ.
އަމީތާބު ޓުވީޓު ކުރި ފޮޓޯ ---
އަމީތާބު، އެއްކޮށް ޕޯސްޓު ކުރި އެ ދެ ފޮޓޯގެ ކެޕްޝަނަކަށް ލިޔެފައި އޮތީ "ފްރޮމް ދިސް ޓު ދިސް" މިހެންނެވެ. މާނަ އަކީ އިންޑިއާގެ ވައި ނުސާފު ޖައްވުން ރާއްޖޭގެ ސާފު ޖައްވަށް މިހެންނެވެ.
ކޮންމެއަކަސް އަމީތާބުއަށް ރާއްޖެ ވަރަށް ކަމު ގޮއްސި އެވެ.
އަމީތާބު އާއި އޭނާގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އެނބުރި އިންޑިއާ އަށް ދިއުމަށް ހަމަޖެހިފައި ވަނީ ކޮން ދުވަހަކު ކަމެއް އަދި ސާފެއް ނުވެއެވެ.