ޖެނީވާ (ފެބްރުއަރީ 4): ސްވިޒަލޭންޑުގެ ވެރިރަށް ޖެނިވާގައި ކުރިއަށް ގެންދިޔަ ސީރިޔާގެ ސުލްހައިގެ ވާހަކަތައް މި މަހުގެ 25 އާ ހަމައަށް މެދުކަނޑާލައިފި ކަމަށް ޔޫއެންގެ ސްޕެޝަލް އެންވޯއީ ފޯ ސީރިޔާއިން އިއްޔެ ބުނެފި އެވެ.

"މިއީ ވާހަކަތަކަށް ނިމުމެއް އައުމެއް ނޫން. އަދި ފެއިލްވުމެއް ވެސް ނޫން. ސީރިޔާގެ މަދަނީ ހަނގުރާމައިގައި ބައިވެރިވާ ދެފާރާތުން މަޝްވަރާތަކުގައި ބައިވެރިވި އަދި ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިޔުމަށް އެދުނު،" ޔޫއެންގެ އެންވޯއީ ވިދާޅުވި އެވެ.

ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާން އެ ގައުމުގެ ސަރުކާރުން ފޮނުވި ވަފުދުން ބުނާ ގޮތުގައި ވާހަކަތައް މެދުކަނޑާލަން ޖެހުނީ އިދިކޮޅު ފަރާތްތަކުން ތުރުކީއާ ގަތަރުގެ އަމުރުގެ ދަށުން ސުލްހައިގެ ވާހަކަތަކުގައި ދެބަސްވުންތައް އުފެއްދުމުގެ ސަބަބުންނެވެ.

ސީރިޔާގެ ސަރުކާރާ އިދިކޮޅު ހައި ނެގޯޝިއޭޝަންސް ކޮމިޓީ (އެޗްއެންސީ)ން ވަނީ އެގައުމުގެ ސަރުކާރުން އާއްމުންނަށް ބޮމުގެ ހަމަލާދީ ބަނޑަށް ޖައްސަމުންދާ ކަމަށް ތުހުމަތުކޮށް، ސީރިޔާގެ ހާލަތު ރަނގަޅު ނުވަނީސް ސުލްހައިގެ ވާހަކަތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ.

ހަތްދިހަ ގައުމަކުން ބައިވެރިވާ ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގެ މަގުސަދަކީ އެގައުމުގެ ހަމަނުޖެހުންތަކަށް ނިމުމެއްގެންނާނެ ގޮތުގެ ރޯޑްމެޕެއް އެކުލަވާލުމެވެ. އޭގެ ތެރޭގައި އެގައުމުގައި ރިޔާސީ އިންތިހާބެއް ބޭއްވުމާއި އާ ގާނޫނު އަސާސީއެއް އެކުލަވާލުން ހިމެނެ އެވެ.

ސީރިޔާގެ މަދަނީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ 250،000 މީހަކު މަރުވެފައިވެ އެވެ. އަދި އެގައުމުގެ 11 މިލިއަން މީހުން ވަނީ އެމީހުންގެ ގެތަކުން ބޭރުކޮށްލާފަ އެވެ. (ނޫސްއޭޖެންސީތައް)