04 Feb 2016, 13:03
ޒުވާނުންނާއި ފުރާވަރުގެ ކުދިން ހަރުދަނާ ބަޔަކަށް ހަދައި އެފަރާތްތައް ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމަށް ބާރުއެޅުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ "ރެޑީ ކޭމްޕް" ތ. މަޑިފުށީގައި ފަށައިފި އެވެ.
މިއަދު 08:30ގައި މަޑިފުށީގައި ފެށި އެ ކޭމްޕަކީ ކުރިއަށް އޮތް ތިން ދުވަހަށް ކުރިއަށްދާނެ ކޭމްޕެކެވެ. އެގޮތުން ފުރާވަރުގެ ކުދިން ކުށުގެ ވެށީން ދުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ އެ ކޭމްޕަކީ ފުލުހުން ކުރިއަށް ގެންދާ 29 ވަނަ ކޭމްޕެވެ.
މަޑިފުށީ މަދަރުސާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ކޭމްޕުގައި އެ އަތޮޅުގެ ދިޔަމިގިލީ ސްކޫލުގެ ބައެއް ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އެ ކޭމްޕުުގައި ޖުމްލަ 82 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. އެއީ 42 އަންހެން ބައިވެރިންނާއި 40 ފިރިހެން ބައިވެރިންނެވެ.
އެ ކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެގޮތުން ޖިނާއީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާއި ކުށުގެ ނުރައްކަލުން ދުރުވެ ތިބޭނެ ގޮތްތައް އެ ކޭމްޕުގައި ކިޔައިދޭނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ކޭމްޕުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރި ކުރުވައި އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރި ކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދިނުމާއި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންތައްތައް ވެސް ކިޔައިދެވޭނެ ކަމަށެވެ.
ކޭމްޕުގައި ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންނަށް ވެސް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.