04 Feb 2016, 11:27
ގައުމީ ފުޓްބޯޅަ ދަނޑުގެ ސިޑިބަރި އާއި މުޅިދަނޑުގެ ކުލައިގެ ޑިޒައިން ބަދަލު ކުރުމަށް ޔޫތު މިނިސްޓްރީން ނިންމައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
ގަލޮޅު ދަނޑު ބަލަހައްޓަމުންދާ ޔޫތު މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ އެ މަސައްކަތަކީ މުޅި ދަނޑުގައި ކުލަ ބަދަލުކޮށް މިހާރު ހުރި ޑިޒައިންތަކުގެ ބަދަލުގައި އާ ޑިޒައިނަކަށް ބަދަލު ކުރުމަށް ހުޅުވާލެވިފައިވާ މަސައްކަތެއް ކަމަށެވެ.
އާ ޑިޒައިންއާއެކު މިހާރު ސިޑި ބަރީގައި ހުރި ކުލަ އާއި ޑިޒައިން ވެސް ބަދަލުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އާ ޑިޒައިން ހުށަހަޅާނީ މަސައްކަތް ކުރުމަށް ހުށަހަޅާ ކުންފުނިން ކަމަށާއި އެ ޑިޒައިނާ މެދު ޔޫތު މިނިސްޓްރީން ހިތްހަމަޖެހޭނަމަ އެ ޑިޒައިނާ އެއްގޮތަށް ކުލަ ލުމަށް ހުއްދަ ދޭނެ ކަމަށެވެ.
ޔޫތު މިނިސްޓްރީން ވަނީ އެ މަސައްކަތާއެކު ދަނޑުގެ ނަން ބޯޑް ފަރުމާ ކުރުމަށް ހުޅުވާލާފަ އެވެ.
ގޮލޮޅު ދަނޑު ސިޑި ބަރީގައި މިހާރު ހުރި ޑިޒައިނަކީ 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ކޮށްފައިވާ ޑިޒައިނެކެވެ.
އޭގެ ފަހުން އެކި ފަހަރު މަތިން ކުލަ އާ ކުރެވުނު ނަމަވެސް އެ ޑިޒައިންއަކަށް ބަދަލު ގެނެވިފައެއް ނުވެއެވެ.