04 Feb 2016, 11:22
ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތައް ކަމަށާއި، އަދި އެކަން ކުރިއަށް އޮތްތާނގައި ވެސް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން ދެއްވުމަށް ދަރުބާރުގޭގައި މިއަދު ހެނދުނު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދާއިރާއަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
"ރާއްޖޭގައި ގާނޫނުގެ ބޭރުން، އަދި ކޯޓުތަކުގެ އަމުރާއި ހިލާފަށް މީހުން ހިފާ ހައްޔަރުކުރީމާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކަމަށް އަދަބު ދޭތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން އެބަ ފާޅުކުރޭ. ނަމަވެސް އެކަންކަން އެގޮތަށް ހިންގުމަކީ ގާނޫނުގެ ވެރިކަން ބަލިކަށިވެ، މުޖުތަމައުގެ އިންތައް ހަލާކުވެގެންދާނެ ކަމެއް. އެކަހަލަ ކަންކަން ހިންގުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރިޔާސީ ބަޔާން ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިއްމު ކަމަކީ، ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން ރާއްޖޭގެ ގައުމީ ސިޔާދަތު ކުރިއެރުވުން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އެހެން ގައުމުތަކުން ވަނުމުގެ ބަދަލުގައި އެފަދަ ގައުމުތަކާއި އެކު މަޝްވަރާ ކުރުމަކީ ވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މުހިއްމު ކަމެއް ކަމަށެވެ.
"މީގެ އިތުރުން ބައިނަލްއަގުވާމީ އިންސާނީ ހައްގުތައް ކުރިއެރުވުމަށް، ރާއްޖެއަކީ އެ ހައްގުތަކަށް އިހުތިރާމުކުރާ ގައުމަކަށް ހެދުން. އެގޮތުން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އިންސާނީ މުއާހަދާތަކުގެ ދަށުން ރާއްޖެއިން ކުރަންޖެހޭ ކަންތައްތަކާއި ރާއްޖެއިން ނަގަންޖެހޭ ޒިންމާތައް ނެގުމަށް ބާރު އެޅުމަކީ ވެސް ހާރިޖީ ސިޔާސަތުގެ މުހިއްމު ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖެއަށް ހާރިޖީ ދާއިރާއިން ދިވެހިން ފަހުރުވެރިވާ ފަދަ ކާމިޔާބީތަކެއް ލިބިގެން ދިޔަ އަހަރެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ލަނޑުދަނޑިއަކީ ރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބާ ބަޔަކު ދިރިއުޅޭ ތަނަކަށް ދިވެހި ގައުމު ހެދުން ކަމަށެވެ.
"ހަމައެއާއެކު ރާއްޖެއަކީ ޖިނާއީ ކުށްތައް މަދު އަދި މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވެފައިވާ ގައުމެއްގެ ގޮތުގައި ދެމެހެއްޓުން. އަދި ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ ވެސް އިހުތިރާމު ލިބިފައިވާ އަމިއްލަ ވަންތައް ގައުމެއްގެ ގޮތުގައި އަބަދަށްޓަކައި ދެމެހެއްޓުން." ރައީސް ޔާމީން ވިދާޅުވި އެވެ.